ޤައުމީ ދިފާޢީ ބާރުގެ ޤާބިލީއްޔަތުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ފުނަދޫގައި ތަރައްޤީ ކުރާ އެއަރ ސްޓޭޝަނުގެ ޚިދުމަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ދިފާޢީ ބާރުގެ މަސައްކަތް ހަރުދަނާ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތް ހިއްސާ ކޮށްދެއްވާފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިފާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިދިޔަ އަހަރު ތެރޭގައި މުުހިިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި އަސްކަރީއްޔާ ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯސްޓްގާޑު ދެގުނަ ކުރުމަށް މަސައްކަތް ފެށިފައިވާ ކަމަށެވެ. މިކަމުގެ ތަފްސީލު ހިއްސާކުރައްވާ، އެމަނިކުފާނު ވިދާޅުވީ ތުރުކީ ވިލާތުން ހަދިޔާކުރެއްވި ސިފައިން ޚިދުމަތުގައި މިހާރު ބޭނުން ކުރަމުންދާ އެންމެ ބޮޑު އަސްކަރީ މަނަވަރު މިދިޔަ އަހަރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން ވައިގެ ޚިދުމަތް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ށ. ފުނަދޫގައި ތަރައްޤީ ކުރެވޭ އެއަރ ސްޓޭޝަނުން މިއަހަރު ޚިދުމަތް ދޭން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.