ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގއ. ދެއްވަދޫއިން ފުރަތަމަ ފަހަރަށް ޒޯން ޗެމްޕިއަންކަން ހޯދައިފިއެވެ.
ދެއްވަދޫއިން މި ކާމިޔާބީ ހޯދީ މި އަހަރުގެ މުބާރާތުގެ ޒޯން 7 ގެ ފައިނަލުގައި ސ. ހިތަދޫގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލުގައި ހިތަދޫގެ މައްޗަށް ދެއްވަދޫއިން ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.


ޒޯން 7 ގެ ޗެމްޕިއަން ދެއްވަދޫ. ފޮޓޯ: ގޯލްޑަން ފުޓްސަލް
ރާއްޖޭގެ ފުޓްސަލްގެ ރަން ޤައުމީ ޓީމުގެ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ދެއްވަދޫއަށް މި މެޗުގައި ލަނޑުތައް ޖަހައިދނީ ޤައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އާއި ޤައުމީ ޓީމުގެ އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) ގެ އިތުރުން އޭނާގެ ކޮއްކޮ އަހުނަފް ރަޝީދު (އަހުއްކޮ) އެވެ. މެޗުގައި، ހިތަދޫގެ ހަމައެކަނި ލަނޑު ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.
މި މެޗުން ހޯދި މޮޅާއެކު ދެއްވަދޫއިން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ޗެމްޕިއަންކަން ހޯދިއިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާހިލް އެވެ.


ޒޯން 7 ގެ މޮޅު ކުޅުންތެރިޔާ އަދި ފައިނަލް މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާހިލް. ފޮޓޯ: ގޯލްޑަން ފުޓްސަލް
މި ޒޯނުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ރާހިލްއެވެ. ޒޯނުގެ ޓޮޕް ސްކޯރަރ އަކީ މަރަދޫގެ ޙަސަން ލައުހުއެވެ.