ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) އިން ބޭއްވި ސަރަހައްދީ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމަށް، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރަތްދޫލައިގެ މަރުޙަބާއެއް ކިޔައިފިއެވެ.
ޓީމުގެ ޝަރަފުގައި ބޭއްވި މި ހަފްލާ އޮތީ އެސްޓީއޯގެ ހެޑް އޮފީހުގައެވެ. މި ޙަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ޝިމާދު އިބްރާހިމް އާއި އެކި ބަހާ ތަކުގެ އިސް ވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޙަފްލާގައި އެސްޓީއޯގެ ފަރާތުން ޤައުމީ ޓީމަށް ހަނދާނީ ފިލައެއް ވެސް އަރުވާފައިވެއެވެ. އެސްޓީއޯގެ ފަރާތުން ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޑިރެކްޓަރ އޮފް ފައިނޭންސް މުޙައްމަދު ނިޒާމެވެ. ޓީމުގެ ފަރާތުން މި ފިލައާ ހަވާލުވީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ.


ޤައުމީ ފުޓްސަލް ޓީމަށް މަރުޙަބާ ކިޔުމަށް އެސްޓީއޯއިން ބޭއްވި ޙާއްސަ ޙަފްލާގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް ނިއުސް
މީގެއިތުރުން މި ޙަފްލާގައި އެސްޓީއޯއިން ވަނީ، ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް، ޖުމްލަ 1 ލައްކަ ރުފިޔާގެ ގިފްޓް ވައުޗަރެއް ވެސް ހަދިޔާކޮށްފައެވެ. އެއީ ޓީމުގެ ކޮންމެ މެމްބަރަކަށް 5000 ރުފިޔާގެ މަގުންނެވެ. މި ހަދިޔާ ޓީމާ ހަވާލުކޮށްދެއްވީ ކޯޕަރޭޓް އެންޑް މާކެޓިން ޑިރެކްޓަރ އަޙްމަދު ޝިފާނެވެ.


ޤައުމީ ފުޓްސަލް ޓީމަށް މަރުޙަބާ ކިޔުމަށް އެސްޓީއޯއިން ބޭއްވި ޙާއްސަ ޙަފްލާގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް ނިއުސް
ޤައުމީ ފުޓްސަލް ޓީމުގައި އެސްޓީއޯގެ މިހާރުގެ 3 މުވައްޒަފަކާއި ކުރީގެ މުވައްޒަފަކު ވެސް ހިމެނެއެވެ. ކެޕްޓަން އިމްރާނަކީ މީގެކުރިން އެސްޓީއޯގައި ވަޒީފާ އަދާކުރިއިރު ހުޒެއިފަތު ރަޝީދު (ހުޒޭ) އާއި އަޙްމަދު ރާހިލް ރަޝީދު (ރާކޮ) އަދި އަލީ ހައިޝަމް (ޗުމްޕު) އަކީ މިހާރު ވެސް އެ ކުންފުނީގެ މުވައްޒަފުންނެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އެ ދެ ކުޅުންތެރިން ވެސް ވަނީ، އެސްޓީއޯގެ މެނޭޖްމަންޓާއި މުވައްޒަފުން، ޤައުމީ ޓީމުގެ މި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުމުން ނުހަނު އުފާވާކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާކަމަށް ބުނެފައެވެ.


ޤައުމީ ފުޓްސަލް ޓީމަށް މަރުޙަބާ ކިޔުމަށް އެސްޓީއޯއިން ބޭއްވި ޙާއްސަ ޙަފްލާގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް ނިއުސް
ޖުމްލަ ހަތް ޤައުމަކުން ވާދަކުރި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާއެކުއެވެ.