އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ޚިދުމަތް ފަށައިފިއެވެ.

މިއީ، މާލެއިން ބޭރުގައި ޤާއިމްކުރި ފުރަތަމަ ކެތު ލެބެވެ.

އައްޑޫގައި ކެތު ލެބުގެ ޚިދުމަތް ފެށުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ރައީސްގެ ވަޢުދާ އެއްގޮތައް ކެތު ލެބު ޤާއިމުކުރުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މެޝިނަރީސް އިންސްޓޯލްކޮށް ޚިދުމަތް ވަނީ ފަށާފައެވެ. އެގޮތުން މިހާތަނަށް 7 މީހަކު ވަނީ ފަރުވާ ހޯދާފައެވެ. ކެތު ލެބުގެ ޚިދުމަތް ފަށާފައިވަނީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ގުޅިގެންނެވެ.

ކެތު ލެބުގެ ހިދުމަތް ފެށުމާއި ގުޅިގެން އޭއީއެޗު އަދި އައިޖީއެމްއެޗާއި ގުޅިގެން ވަނީ ނޫސްވެރިންގެ ބައްދަލުވެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޙަލީމް ވިދާޅުވީ، ކެތު ލެބުގެ ޚިދުމަތް ފެށުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގައި ކެތު ލެބުގެ ޚިދުމަތް ފެށިގެން މިދިޔައީ ސަކޭތަ އިންސައްތަ ދިވެހިންނާއި އެކުގައި ކަމަށް ވިދާޅުވިއެވެ. ޚަލީމް ވިދާޅުވީ، ބޭނުންވަނީ ދިވެހިންގެ އަތްމަތީގައި ބާއްވައިގެން ޞިއްޙީ ޚިދުމަތްތައް ފުޅާކުރުން ކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.

ޙަލީމް ވިދާޅުވީ، މި ޚިދުމަތް ފެށުމަކީ ސަރުކާރުން އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

" ކެތް ލެބުގެ މަސައްކަތް ފެށިގެން މިދިޔައީ އަޅުގަނޑުމެން ފުރަތަމަ ކެތު ލެބެެއް ފެށިގެން ދިޔަ މޮޑެލްގައި. އޭރު ބޭރު ކުންފުންޏަކާއި އެކީގައި ޚިދުމަތް ފެށިގެން ދިޔަ އުސޫލުން މިފަހަރު ބޭރުގެ ކުންފުންޏެއް ނެތި 100 ޕަރސެންޓު ދިވެހި ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ޚިދުމަތް ފެށިގެން މިިދިޔައީ" ޙަލީމް ވިދާޅުވިއެވެ.