ދިވެހިރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ކަނޑައަޅުއްވައިފިއެވެ.
ދިވެހިރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން، ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން، އަހަރަކު އެއްފަހަރު ކަނޑައަޅައި އިޢުލާނު ކުރަންވާނެ ކަމަށް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި އެގޮތުން ކަނޑައަޅާ ކޮންމެ ކަނޑައެޅުމެއް، ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ ކުރިން މުރާޖަޢާކޮށް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އަލުން ކަނޑައަޅައި އިޢުލާނު ކުރަންވާނެ ކަމަށްވެސް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރު މުރާޖަޢާ ކުރައްވައި، ދިވެހިރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން މިހާރު ވަނީ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. އެސްއީޒެޑުގައި ހިންގާ އިޤްތިޞާދީ މަސައްކަތްތައް ކަމުގައި ކަނޑައަޅުއްވާފައިވަނީ، ޖުމްލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދުގެ އިންވެސްޓްމަންޓުތަކާއި، ޖުމްލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓު ހިމެނޭ ގޮތަށް ތަރައްޤީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫޢުތަކެވެ.
ސްޓްރެޓީޖިކު އިންވެސްޓްމަންޓުތަކުގެ ތެރެއިން، އިންވެސްޓްމަންޓެއް ހިމެނޭގޮތުން ޤާއިމުކުރުމަށް ހުށަހަޅާ ޖުމްލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓުގެ ތެރޭގައި ނުވަ ބާވަތެއްގެ އިންވެސްޓްމަންޓް ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމަނުއްވާފައިވެއެވެ.
100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓުތައް
- އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގގެ އެކި ބާވަތުގެ މަސައްކަތްތައް.
- ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިންގ، ބަންކަރިންގ، ޑޮކިންގ ސަރވިސަސް.
- ޔުނިވަރސިޓީ، ޓަރޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާރޗު އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.
- ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް، އައިސީޓީއާ ގުޅޭ ފެސިލިޓީތައް.
- އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
- އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ.
- ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގާ މަސައްކަތްތައް.
- ފުޑް ސެކިއުރިޓީގެ ދާއިރާ.
- ތެލާއި، ގޭހާއި، މިނަރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.
ޖުމްލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްޤީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫޢުތަކުގައި އެންމެ ކުޑަ އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 500 މިލިޔަން ޑޮލަރު ޚާއްސަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓްތަކަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ކަނޑައަޅުއްވާފައިވެއެވެ.