މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވާ މަސްދަޅު ކޭހުގެ ތެރެއިން ރޭ އެކަނިވެސް 4،196 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ރޭ 8:30 އިން 11:00 އާ ހަމައަށް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަން ފެށުމުން ބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ. މިހާތަނަށް މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ 15 މަރުކަޒަކުން 4،196 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި އެންމެ ގިނައިން މަސްދަޅު ކޭސް ދޫކޮށްފައިވަނީ، ގަލޮޅު ދަނޑުގައި ޤާއިމުކޮށްފައިވާ މަރުކަޒުތަކުންނެވެ. ގަލޮޅު ދަނޑުގައި 4 މަރުކަޒެއް ޤާއިމުކޮށްފައިވާއިރު ރޭ އެ މަރުކަޒުތަކުން 783 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރަން ނިންމާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީއާއި މާލެ ސަރަޙައްދުގެ 61،755 ގޭބިސީއެވެ.
ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މާލެ ސަރަޙައްދުގައި ފަށާފައިވާއިރު، ކޮންމެ ރެއަކު 8:00އިން ފެށިގެން 11:00އަށް މަސް ދަޅު ކޭސް ދޫކުރާނެއެވެ.
މަސްދަޅު ކޭސް ދޫކުރުމަށް ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމަށް ވަނީ ހުޅުވާލާފައެވެ. ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ކަރަންޓް މީޓަރަކަށް މަސްދަޅު ކޭހެއް ދޫކުރާނެއެވެ.
މާލޭގައި މަސްދަޅު ކޭސް ބަހާ ތަންތަން:
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯމިލު
- ހެންވޭރު ބޯޅަދަނޑު
- ގަލޮޅު ދަނޑު
ހުޅުމާލެ ފޭސް1 ގައި މަސްދަޅު ކޭސް ބަހާ ތަންތަން:
- ޢުމަރު ޒާހިރު ބިލްޑިން
- ޕޮލްކޯ ޓަވަރ
- މުހައްމަދު ޤާސިމް ޕްރީ ސްކޫލް
ހުޅުމާލެ ފޭސް 2ގައި މަސްދަޅު ކޭސް ބަހާ ތަންތަން:
- ކާމިލުދީދީ ސްކޫލް
- ހިޔާ ޓަވަރު 10
- އެމްޕީއެލް ޓަވަރު ޕީ
ވިލިމާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:
- ވެމްކޯ ސައިޓު