ނ. ވެލިދޫއަށް މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތް ފެށިގެން ދިއުމަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ އެކިއެކި މުއާމަލާތްތައް ކުރިއަށްގެންދިއުމަށް ހުޅުވިގެންދިޔަ މަގެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ނ. ވެލިދޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ވެލިދޫއަށް ސީޕްލޭންގެ ޚިދުމަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މުޅި ރާއްޖެއަށް ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުފަތުރުގެ ފަހިކަން ގެނެސްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުންކަމަށެވެ. އަދި މި މަސައްކަތް ރައީސް ވަރަށް ގާތުން ބެއްލެވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތާއިއެކު ރައްޔިތުންނާއި ވިޔަފާރިވެރިންނާއި، ފަތުރުވެރިން އަދި ރަށައް ޒިޔާރަތްކުރާ މެހެމާނުންގެ އިތުރުން ރަށުގައި މަސައްކަތްކުރާ އެކިއެކި ފަރާތްތައް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. ޓިކެޓްގެ އަގަށް ބެލިކަމުގައިވިއަސް އަދި އެއަރޕޯޓުން ރަށަށް އަންނަން ހޭދަވާ ވަގުތައް ބެލިކަމުގައިވިއަސް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ފަތުރުވެރިކަން ކުރިއެރުވުމަށާއި ވިޔަފާރީގެ އެކިއެކި މުއާމަލާތްތައް ކުރިއަށްގެންދިއުމުގައި މިރަށުގައާއި ދާއިރާގައި އަދި މި ހިސާބުގެ ރަށްތަކުގައި ޚާއްސަގޮތެއްގައި ވަރަށް ބޮޑު ލުޔެއް މި ލިބުނީ. އަދި ވަކިން ޚާއްސަކޮށް ބަރަކާތްތެރި ރަމަޞާންމަސް ކުރިއަށް މިއޮތީ. އޮތްއިރުގައި ކާބޯތަކެއްޗާއި ވިޔަފާރީގެ އެކިއެކި މުދާވެސް އެންމެ ގިނައިން ގެންނަ އެއްރަށައް ވާނެ ވެލިދޫ ހަމަގައިމުވެސް މިއަތޮޅަށް ބެލިކަމުގައިވިއަސް. ވެލިދޫއަކީ ސިނާއީ މަސައްކަތްތައްވެސް ކުރާ އަދި ވަރަށް ގިނަ ވިޔަފާރީގެ މަސައްކަތް ކުރާ ރަށަކަށްވާތީ އަޅުގަނޑު މި ނަޒަރިއްޔާތު މިނެގީ" ވަޒީރު ވިދާޅުވިއެވެ.

ވެލިދުއަށް ސީޕްލޭންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީންއާއި، މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް އަދި ކައުންސިލް މެންބަރުންނާއި އެކިއެކި މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.