މިލަދުންމަޑުލު ދެކުނުބުރީގެ ވެލިދޫއަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށައިފިއެވެ.

މި ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދެކެވެ.

ނ. ވެލިދޫއަށް ސީޕްލޭން ދަތުރުތަށް ފެށުމަށް ވެލިދޫގައި އެކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަދި ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްގެ އިތުރުންގެ ކުންފުނީގެ އިސްވެރިންނާއި ވެލިދޫ ކައުންސިލް މެންބަރު ވަނީ ބައިވެރިވެފައެވެ.

މި ދަތުރުތަށް ފެށުމަށް ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް ވެލިދޫ ކައުންސިލް އިދާރާގައި ޗެކިން ކުރުމަށާއި ދަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް ހާއްސަ ލައުންޖެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި ފުރަތަމަ ފްލައިޓަށް މެންދުރު 1:40 ގައި ވަނީ ޗެކިން ފަށާފައެވެ. ފުރަތަމަ ފްލައިޓު ފުރާފައިވަނީ 2:40 ހާއިރުއެވެ.

ރައީސްގެ ވަޢުދާއި އެއްގޮތަށް ވެލިދުއަށް ސީޕްލޭން ދަތުރުތައް ފަށައިފި
ރައީސްގެ ވަޢުދާއި އެއްގޮތަށް ވެލިދުއަށް ސީޕްލޭން ދަތުރުތައް ފަށައިފި

ސީޕްލޭން އޮޕަރޭޝަން ފެށުމާއެކު ފުރަތަމަ ފްލައިޓުގައި ގާތްގަނޑަކަށް 15 މީހުން ވަނީ ވެލިދޫއިން މާލެއަށް ފުރާފައެވެ. މީގެ ތެރޭގައި ދިވެހިންނާއި ފަތުރުވެރިންނެވެސް ހިމެނެއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ދެދުވަހުއެވެ. އެގޮތުން ކޮންމެ ހަފްތާއަކު ބުދަ ދުވަހާއި ހުކުރު ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފަށާފައިވާއިރު، ދިވެހިންނަށް ޚާއްސަ ފެއަރ އެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. އެގޮތުން ދަތުރުގެ އެއްކޮޅު ޓިކެޓެއް 999ރުފިޔާއަށް ލިބޭނެއެވެ.

ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މިދިޔަ ޖުލައި އަހަރު ޖުލައި މަހުގެ 23 ވަނަ ދުވަހު ވެލިދޫއަށް ކުރެއްވި ޒިޔާރާތުގައި އެމަނިކުފާނު ވަނީ މިއަހަރު ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމް އެއް ޤާއިމްކޮށް ޝެޑިއުލް ދަތުރުތައް ފަށާނެކަން އިއުލާން ކުރައްވާފައެވެ. އެމަނިކުފާނުގެ ވަޢުދާއި އެއްގޮތަށް ދަތުރުތަށް މިހާރު ފަށާފައިވާއިރު، މި ދަތުރުތަށް ކުރިއަށް ގެންދާނީ އެއަތޮޅު ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީ ކުރެވެންދެން ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ. އޭގެ ފަހުންވެސް ރައްޔިތުން ދަތުރުތައް ކުރިއަށް ގެންދަން ބޭނުންވާނަމަ ދަތުރުތައް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ދަތުރުތައް ފެށުމަކީ ނ.އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، އެއަތޮޅަށް ދަތުރުކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ