ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގައި އަވަހަށް ފޯމު ހުށަހެޅުމުގެ ބަދަލުގައި، ހުރިހާ ލިޔެކިޔުންތަކާއެކު ރަނގަޅަށް ފޯމު ފުރިހަމަ ކުރުމަށްފަހު ފޯޯމު ހުށަހެޅުން މުހިންމު ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ، މިމަހުގެ 18 ވަނަ ދުވަހުއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑުއެއް މައްސަލައެވެ. ގިނަ ބައެއްގެ ޒަމާންވީ ކަންބޮޑުވުމެކެވެ. ބޯހިޔާވަހިކަމުގެ އެކި ފުރުޞަތުތަކަށް ސަރުކާރުން ހުޅުވާލާ ކޮންމެ ފަހަރަކު އެތައް ބަޔަކު ކުރިމަތިލައެވެ. މިކަމުންވެސް ރައްޔިތުން މިކަމަށް ބޭނުންވާ މިންވަރު ހާމަވެއެވެ.

މިކަމަށް ޙައްލެއް ގެނައުމަށް މި ސަރުކާރުން ވަނީ، "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލާފައެވެ. މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބޭނެއެވެ.

މިކަމާއި ގުޅޭގޮޮތުން ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މިހާރު ހުޅުވާލާފައިވާ ސްކީމަށް ފޯމު ހުށަހެޅުމުގެ މަރުހަލާ ނިމި، ގޯއްޗާއި ފްލެޓު ލިބޭ ފަރާތްތަށް ކަނޑައެޅުމުގެ މަސައްކަތަށްފަހު މިދައުރުގެ ތެރޭގައި ޙަވާލުކުރަން ފެށޭނެ ކަމަށެވެ. އަދި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގައި އަވަހަށް އެޕްލައި ކުރުމުގެ ބަދަލުގައި، ހުރިހާ ލިޔެކިޔުންތަކާއެކު، ރަނގަޅަށް ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އިސްކަންދެއްވުން މުހިންމު ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.

"އަވަހަށް އެޕްލައި ކޮށްގެން ލިބޭނެ އިތުރު ފައިދާއެއް ނޯންނާނެ. އިތުރު މާކްސްއެއް ނޯންނާނެ. އަދި މިއީ ފުރަތަމަ އެޕްލައި ކުރާ މީހުންނަށް ޚާއްޞަ ކޮށްގެން ދޭ އުސޫލުން ހިނގާ ކަމެއްވެސް ނޫން. އެހެންވީމަ ވަރަށް މުހިންމު ކަމެއް ޙަޤީޤަތުގައި ރަނގަޅަށް އެލްލިކޭޝަން ފުރިހަމަކޮށްފަ ސަބްމިޓް ކުރުމަކީ" ވަޒީރު ވިދާޅުވިއެވެ.

ބޯހިޔާވަހިކަން އެންމެނަށް: މުހިންމީ ލިޔެކިޔުންތަކާއެކު ރަނގަޅަށް ފޯމު ފުރިހަަމަކުރުން
ބޯހިޔާވަހިކަން އެންމެނަށް: މުހިންމީ ލިޔެކިޔުންތަކާއެކު ރަނގަޅަށް ފޯމު ފުރިހަަމަކުރުން

ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި މިފަހަރު އެންމެ ބޮޑަށް އިސްކަން ދޭނީ، އެމީހެއްގެ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށެވެ. ފޯމުގައި ޢާއްމު މަޢުލޫމާތާއި، އާއިލާއާއި ދިރިއުޅުމުގެ ޙާލަތު އަދި ވަޒީފާއާއި އާމްދަނީގެ މަޢުލޫމާތުވެސް ހިމަނަން ޖެހޭނެއެވެ. އަދި މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމަށް، އެކަމަށް ބޭނުންވާ ލިޔެކިޔުންތައްވެސް ހިމަނަންވާނެއެވެ.

މިފަހަރު "އީ-ފާސް" މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވާއިރު އެމީހާއި ގުޅުންހުރި މަޢުލޫމާތު ދައުލަތުގެ ޑިޖިޓަލް އާކައިވްގައި ހުރި މިންވަރަކުން މިޕޯޓަލުގެ ތެރެއިން ފެންނަން ހުންނާނެ ފަދަ ގޮތަކަށް ޕޯޓަލްއަށް ވަނީ ބަދަލުތައް ގެނެސްފައެވެ. މިހާރު އެކުލަވާލާފައިވާ ނިޒާމުގެ ތެރެއިން އެމީހެއްގެ ޙާލަތު ބަޔާން ކުރުމުގެ ފުރުޞަތު އަދި ބޭނުންވާ ލިޔެކިޔުންތައް ޙިއްސާ ކުރެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ.

މިފަހަރުގެ އުސޫލުތައް ބުނާ ގޮތުން ފްލެޓް އަދި ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ. މި މުއްދަތު ބަލާނީ، 14 ޖެނުއަރީ 2026ގެ ނިޔަލަށެވެ. އަދި ޚާއްޞަ ހާލަތާ ގުޅިގެން މެދުކެނޑުމެއް އައިނަމަ، އޭގެ ސަބަބު ބަޔާންކޮށް ލިޔެކިޔުން ހުށައަޅަން ޖެހޭނެއެވެ.

މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ، އަންނަ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅޭނީ، އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.