ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް.)އަށް 2025 ވަނަ އަހަރު ޖަމާކުރި މިންވަރު 2.7 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބައިނަލްއަޤުވާމީ މާލީ އިދާރާތަކުންނާއި އިންވެސްޓަރުން އެންމެ ބޮޑަށް ސަމާލުކަންދޭ އެއް ކަމަކީ ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބިނާކުރާ ރިޒާވުގެ ދުވެއްޔަށެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް.)އަށް 2025 ވަނަ އަހަރު ޖަމާކުރި މިންވަރު ވަނީ 2.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރު ޖަމާކުރި 1.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 91.2 އިންސައްތައިގެ އިތުރުވުމެކެވެ. މިގޮތަށް ފަންޑަށް ފައިސާ ޖަމާކުރާ މިންވަރު އިތުރުވުމަކީ، ދައުލަތުގެ ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުވެ، ރަސްމީ ރިޒާވަށް ހުރި ޕްރެޝަރުތައް ކުޑަކޮށްދޭނެ ކަމެކެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ހުސްވި 2025ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ ޚަރަދުތައް ކުޑަވުމާ ގުޅިގެން ދައުލަތުގެ ދަރަނި ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.6 ބިލިއަން ރުފިޔާއިން ދަށްވެފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 73.5 އިންސައްތައިގެ ދަށްވުމެކެވެ.

2025 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީއަކީ 39.8 ބިލިއަން ރުފިޔާއެވެ. 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވުނު ނަމަވެސް، އަހަރު ނިމުނުއިރު ލިބިފައިވަނީ 415.2 މިލިއަން ރުފިޔާއެވެ.

އަންދާޒާތަކަށްވުރެ ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ވަނީ ބަޖެޓުގެ އަންދާޒާތަކަށްވުރެ 5.5 އިންސައްތަ ނުވަތަ 2.0 ބިލިއަން ރުފިޔާ އިތުރުވެފައެވެ. ޓެކުހުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 29.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރު ލިބުނު 26.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 43.1 ބިލިއަން ރުފިޔާގައެވެ. މިއީ، 2024 ވަނަ އަހަރުގެ 48.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތައިގެ ދަށްވުމެކެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުން ފަދަ ސިޔާސަތުތައް 2025 ވަނަ އަހަރު ތަންފީޒުކުރުމުގެ ސަބަބުން ރިކަރަންޓް ޚަރަދުތައް އިތުރުވެ، 36.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ، ކުރީ އަހަރުގެ 34.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.1 އިންސައްތައިގެ އިތުރުވުމެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މުސާރައަށް އައި ބަދަލާއެކު މުވައްޒަފުންނަށް ކުރާ ޚަރަދުތައް އިތުރުވެފައިވުމެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިދިޔަ އަހަރު 2.7 ބިލިޔަން ރުފިޔާ
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިދިޔަ އަހަރު 2.7 ބިލިޔަން ރުފިޔާ

2025 ވަނަ އަހަރު ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 6.8 ބިލިއަން ރުފިޔާއެވެ. މިއީ، އޭގެ ކުރީ އަހަރުގެ 13.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 48.8 އިންސައްތައިގެ ދަށްވުމެކެވެ. މާލީ ވުޒާރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކެޕިޓަލް ޚަރަދުތައް އިތުރުވެފައިވަނީ މަގުތަކާއި، ބުރިޖު އަދި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުތަކަށް ކުރި ޚަރަދުތަކުގެ ސަބަބުންނެވެ. މިއިން ދޭހަކޮށްދެނީ ޖުމްލަ ޚަރަދުތައް ވަކި މިންގަނޑެއްގައި ހިފަހައްޓަމުންވެސް، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން އިސްކަންދޭ މިންވަރެވެ.

2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުރީ 13.1 ބިލިއަން ރުފިޔާގައެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ، 3.5 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ. މިއީ، ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލް ކުރުމާއެކު އާމްދަނީގެ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ހެޔޮ ނަތީޖާއެވެ.

ޑިސެމްބަރ 2025 ގެ ނިޔަލަށް ލިބެންހުރި މައުލޫމާތަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސްތަކުން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސަރުކާރުގެ އަންދާޒާތަކާ އެއްގޮތަށް 2025 ވަނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ބޭރު ފައިސާގެ އާމްދަނީ ވަނީ 1.2 ބިލިއަން ޑޮލަރަށް އަރާފައެވެ.

މިދޔަ އަހަރުގެ މާލީ ތަފާސްހިސާބުތަކަށް ބަލާލާއިރު، އެސްޑީއެފްއަށް ފައިސާ ޖަމާކުރި މިންވަރު ބޮޑުތަނުން އިތުރުވުމަކީ، މާލީ ނިޒާމުގެ ތެރެއިން ދައުލަތުގެ ރިޒާވް ވަރުގަދަ ކުރުމުގެ މަސައްކަތް ހަލުވިވެފައިވާ ކަމުގެ ނިޝާނެކެވެ. އަދި މިއީ ބޭރުގެ އެކި ލޮޅުންތަކުގެ ނުރައްކާ އޮތް، ރާއްޖެ ފަދަ ކުޑަ އަދި ހުޅުވާލެވިފައިވާ އިޤުތިސާދެއްގެ ސާބިތުކަން ހިފެހެއްޓުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.