މިފްކޯއިން ބޮޑު ކަންނެލި ގަންނަން ފެށި ފަހުން މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ވިދާޅުވެއްޖެވެ.
މިފްކޯއިން މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 18އިން ފެށިގެން ބޮޑު ކަންނެލި ގަންނަން ފެށިނަމަވެސް ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް، ރަސްމީކޮށް ބޮޑު ކަންނެލި ގަންނަން ފެށީ މިމަހުގެ 11ވަނަ ދުވަހުއެވެ.
މިމަސައްކަތުގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީއިން ވަނީ އެކުންފުނީގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައެވެ. މި ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވަނީ ކިލޯއެއް 20ރ. ގެ މަގުން ކަމަށް މިފްކޯއިން ވިދާޅުވިއެވެ. ކޫއްޑޫ ބަނދަރާއި، އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި، ގދ. ގައްދޫގެ އިތުރުން ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި ގަންނަން ފަށާފައިވާ ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
މިފްކޯއިން ދަނީ، މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ކިލޯއިން މަތީގެ ކަންނެލި ގަންނަމުންނެވެ. މި ސައިޒުގެ ކަންނެލި މިފްކޯއިން ގަންނަނީ 25ރ. ގެ މަގުންނެވެ. މިފްކޯއިން ވިދާޅުވީ، ސަރުކާރުގެ ވައުދާ އެއްގޮތަށް މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންދާ ކަމަށެވެ. އެގޮތުން ޑިސެމްބަރ މަހުގެ 18 އިން ފެށިގެން މިމަހުގެ 21އާއި ހަމައަށް މަސްވެރިންނަށް 1،122،055 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.


ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފެށުން / ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
މިފްކޯއިން ވިދާޅުވީ މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. މި މުހިންމު ފިޔަވަޅުގެ ސަބަބުން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ބޮޑު ޙައްލެއް ލިބި، ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
ބޮޑު ކަންނެލި މަސްވެރިކަމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ވަރަށް ބޮޑު ޙިއްސާއެއް އޮންނަ ފަރާތްތަކެކެވެ. އެ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިފްކޯއަށް ބޮޑު ކަންނެލި ނުކިރުމެވެ. މީގެ ކުރިން ބޮޑު ކަންނެލި ވިއްކަމުން ދިޔައީ އަމިއްލަ ކުންފުނިތަކަށެވެ. ނަމަވެސް ބޮޑު ކަންނެލި ވިއްކައިގެން ބިލްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއްވާތީ، އެ ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވިއެވެ. އެހެންނަމަވެސް މިހާރު މިވަނީ އެ ފަރާތްތަކުން އެދެމުންދިޔަ ކަންތައްތައް ހާސިލްވެފައެވެ. ކަނޑުއޮތްގިރިއަށް މިހާރުވަނީ ބޮޑު ކަންނެލި ގަންނަން ފަށާފައެވެ. މިކަމާއި ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ވަނީ ލުއިތަކެއް ލިބިފައެވެ.
ޖުމްލަ 4 ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ، މީގެ ކުރިން މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓުތަކުގެ މައި ހަބުގެ ގޮތުގައި ބޭނުން ކުރަމުން އައި ފެސިލިޓީއެކެވެ. އޭރު ރެޑީ މޭޑް ނުވަތަ ތާޒާކަމާއެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތައް އުފެއްދުމުގެ އިތުރުން ކަނޑުމަހާއި ކަންނެލި މަހުގެ ލޮއިންސްގެ ޕްރޮޑަކްޝަން މަސައްކަތްވެސް އެރަށުގައި ދިޔައީ ކުރަމުންނެވެ.