ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ، އާމިނަތު ހަސަން (އައިންތު މިސް) ނިޔާވެއްޖެއެވެ.

އައިންތު މިސް ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އައިޖީއެމްއެޗްގައެވެ. ނިޔާވީއިރު އުމުރުފުޅަކީ 58 އަހަރެވެ.

އައިންތު މިސް ވަނީ ދިވެހި ބަސް އުނގަންނައިދިނުމުގައި 34 އަހަރު ހޭދަކުރައްވާފައިފައެވެ. އައިންތު މިސް ވަނީ މީޑިއާ ކައުންސިލްގެ މެމްބަރުކަމާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

ނިޔާވުމާ ހަމައަށް އަމީނިއްޔާ ސްކޫލުގައި 23 އަހަރު މަސައްކަތް ކުރައްވިއެވެ. އައިންތު މިސް ވަނީ އެ ސްކޫލްގެ ޓީޗަރުކަމުގެ އިތުރުން ލީޑިން ޓީޗަރުކަންވެސް ކުރައްވައިފައެވެ.

އައިންތު މިސްއަކީ އެންމެންނާވެސް ގުޅޭ ވަރަށް ހިތްހެޔޮ މީހެއްގެ ގޮތުގައި ދަންނަ ފަރާތްތަކުން ސިފަކުރައްވައެވެ. އަދި މިއީ ދިވެހި ބަހަށް ވަރަށް ބޮޑަށް ލޯބި ކުރެއްވި ކަނބަލެއްގެ ގޮތުގައި ދިވެހި ބަހުގެ މާހިރުން ސިފަކުރައްވައެވެ.