ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކުން އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު، ޓިކްޓޮކްގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ސްވިޒަލޭންޑުގެ ދާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ ތެރެއިން، އިޤްތިޞާދީ ވަޒީރު ސައީދު ވަނީ ޓިކްޓޮކްގެ މެޓަޕްސާ ސަރަހައްދުގެ ގަވަރމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރު ގެލެންއާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތައްކުރައްވާފައެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ނުވަތަ މޮނަޓައިޒް ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދިޔަ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.
At the@wefmeeting in Davos, Minister@em_saeedmet with Mr. Emir Gelen, Head of Government Relations & Public Policy for METAPSA at@TikTokMENA. The discussion focused on advancing TikTok monetization opportunities for local content creators, in alignment with the manifesto…pic.twitter.com/REcMAMjQwA
— Ministry of Economic Development and Trade (@MoEDmv)January 21, 2026
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ އެއްގޮތަށް، ދިވެހި ޒުވާނުންނާއި އުފެއްދުންތެރިންނަށް ޑިޖިޓަލް ޕްލެޓްފޯމްތަކުން މަންފާ ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ ކުރިންވެސް ޓިކްޓޮކްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، މިކަމާ ގުޅޭ ގޮތުން އިޤްތިޞާދީ ވުޒާރާއާއެކު ވަނީ މަޝްވަރާތަކެއް ކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ވަޒީރު ސަޢީދު ވަނީ މިފަދަ ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކާއެކު ގާއިމުކުރެވޭ ގުޅުންތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުގައި ފުރުސަތުތައް ފަހިވެ، އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައިވެސް ޓިކްޓޮކާއެކު ގާތް ގުޅުމެއް ބާއްވައި، އަމަލީ ނަތީޖާއަކާ ހަމައަށް ދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ޓިކްޓޮކުން ރާއްޖެއަށް އެންމެ ފައިދާހުރިގޮތް ހޯދުމަށްޓަކައި ރީޖަނަލް އޮފީސްތަކާވެސް ވާހަކަދައްކަން ފަށާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކުރާއިރު ޗައިނާގެ ސަރުކާރުގެ އެހީތެރިކަމަށްވެސް މިހާރު އެދިފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.