ތެރަޕީއަކީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހެދިބޮޑުވުމާއި ސިކުނޑީގެ ތަރައްޤީއަށް އެންމެ މުހިންމު އެއް ފަރުވާއެވެ.

ނަމަވެސް މި ޚިދުމަތް ރާއްޖޭގައި މިހާތަނަށްވެސް ވަރަށް ބޮޑަށް ޤާއިމުވެފައި އޮތީ މާލޭ ސަރަޙައްދުގައެވެ. ޚިދުމަތުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ އަމިއްލަ ކްލިނިކްތަކާއި ޚިދުމަތްދޭ ތަންތަނެވެ. އެކަށީގެންވާ ތެރަޕީގެ ޚިދުމަތްތައް ލިބޭ ސަރުކާރުގެ ހޮސްޕިޓަލްތައް ނިސްބަތުން ވަރަށް މަދެވެ.

ޚާއްސަކޮށް ބަލާއިރު، މި ޚިދުމަތް އެއްވެސް ގޮތަކަށް ލިބެން ނެތް އަތޮޅުތައް ގިނައެވެ. ޕްރައިވެޓް ސިއްޙީ ނިޒާމުގެ ތެރެއިންވެސްމެއެވެ. މިއާއެކު ގިނަ ބަޔަކު ވަނީ މި ޚިދުމަތުން މަހުރޫމުވެފައެވެ.

ރާއްޖޭގައި ތެރަޕީ ނަގާ މީހުންގެ ތެރެއިން ގާތްގަނޑަކަށް %98 އަކީ 18 އަހަރުން ދަށުގެ ކުދިންނެވެ. ޚަރަދުގެ ގޮތުން ބަލާއިރުވެސް ގަވައިދުން ތެރަޕީ ނެގުމަކީ ގިނަ ބަޔަކަށް މާލީގޮތުން ދެކޮޅުޖެހޭ ކަމަކަށްވެސް ނުވެއެވެ. އަދި އަމިއްލަ ކްލިނިކްތަކުން ތެރަޕީގެ ޚިދުމަތް ފޯރުކޮށްދިނުމަށް އާއިލާތަކަށް އެހީވުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ މެދުވެރިކޮށް ކޮންމެ އަހަރަކު ބޮޑު ހޭދައެއް ކުރަމުންއާދެއެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް 230 މީހުންނަށް 7.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ތެރަޕީ ނެގުމަށް ދޫކޮށްފަވެއެވެ.

ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް
ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް

މި ޚިދުމަތަކީ ސަރުކާރުގެ ސިއްޙީ ނިޒާމުގެތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދެކެވެ.

އެންމެ ގިނައިން ނަގާ އެއް ތެރަޕީ، ސްޕީޗް ރެތަޕީގެ ޚިދުމަތްވެސް ކުރިން ލިބެމުން އައީ ހަމައެކަނި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ. ފުރަތަމަ ފަހަރަށް އަތޮޅު ހޮސްޕިޓަލެއްގައި، ސްޕީޗް ތެރަޕީ ފެށީ 2025ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގައެވެ. އެއާއެކު ގިނަ ބަޔަކު ޚިދަމަތަށް ރެޖިސްޓްރީވެ އެ ޚިދުމަތް މިހާރު އަންނަނީ ހޯދަމުންނެވެ. ދާދިފަހުންވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓާލްގައިވެސް މި ޚިދުމަތް ފަށާފައެވެ.

މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމަށް، އިތުރު 40 ތެރަޕިސްޓުން ހޯދުމަށް ސިއްޙީ ވުޒާރާއިން މިހާރު ވަނީ ޢިޢުލާނުކޮށްފައެވެ.
އޭގެތެރޭގައި ހިމެނެނީ އެންމެ އާއްމުކޮށް ހޯދާ ތެރަޕީތަށްކަމަށާވާ، ސްޕީޗް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ސައިކޮތެރަޕިސްޓުންނެވެ.

ސަރުކާރުން ވަނީ ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢުއެއް ފެށުމަށްވެސް ނިންމާފައެވެ. މި ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުންދާއިރު، މި ޕްރޮގްރާމްގެ ދަށުން 250 ދިވެހި ތެރަޕިސްޓުން ތަމްރީންކުރާނެއެވެ. މިހާރު ރާއްޖޭގައި މަސައްކަތްކުރާ ގިނަ ތެރަޕިސްޓުންނަކީ ބިދޭސިންނެވެ.