ރައްޔިތުންގެ ބޭސްފަރުވާއަށް އާސަންދައަށް ކުރާ ޚަރަދުދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. މިދިޔަ އަހަރުވެސް ބަޖެޓުގައި އާސަންދައަށާއި އިޖުތިމާޢި ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ޚަރަދުކުރުމަށް 2.2 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވީނަމަވެސް، މިދިޔަ އަހަރުވަނީ 3 ބިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ ރާއްޖޭގައި ދުޅަހެޔޮކަމާ ބީރައްޓެހި އަދި ދާއިމީ ބޮޑެތި ބަލިތަކަށް މަގުފަހިކުރާ ދިރިއުޅުމުގެ ވައްޓަފާޅިއެއް އަށަގަނެފައިވާކަން ހާމަވާކަމެކެވެ.
ޤައުމެއްގެ ނިސްބަތުން އެޤައުމެއްގައި ބޭސްފަރުވާއަށް ކުރާ ހޭދަ އިތުރުވުމަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޤައުމަށް ލޮޅުންއަރާކަމެކެވެ. މަސައްކަތުގެ މައިދާނުގައި ޙަރަކާތްތެރިވާ ޢުމުރުގެ ގިނަ ބަޔަކު ދާއިމީ ބޮޑެތި ބަލިތައް ތަޙައްމަލުކުރަންޖެހުމަކީ، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ދަށަށް ދިޔުމުގެ ފުރުސަތު ބޮޑުވެގެންދާކަމެކެވެ. ޤައުމަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ތަރައްޤީގެ ކަންކަމަށް ޚަރަދުކުރުމުގެ ބަދަލުގައި ރައްޔިތުންގެ ބޭސްފަރުވާއަށް ހޭދަކުރަންޖެހުމުން ޤައުމުގެ ތަރައްޤީވެސް ހިފެހެއްޓިގެންދާނެއެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބޭސްފަރުވާއަށްކުރާ ޚަރަދު އަހަރުން އަހަރަށްދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވެދިޔަ 2025 ވަނަ އަހަރު ބޭސްފަރުވާއަށް 2.95 ބިލިޔަނަށްވުރެ ގިނަ ރުފިޔާވަނީ އާސަންދައާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ޚަރަދުކޮށްފައެވެ. އެއީ އޭގެ ކުރީ 2024 ވަނަ އަހަރު ޚަރަދުކޮށްފައިވާ 2.91 ބިލިޔަނަށްވުރެ 36.5 މިލިޔަން އިތުރުވުމެކެވެ.


ލޮލުގެ ފަރުވާއަށް ހާއްސަ ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ފެށުން/ ފައިލް ފޮޓޯ ސީއީއޯ ހަލީމް
އާސަންދައިން އަހަރަކު 3 ބިލިޔަނެއްހާ ރުފިޔާ ޚަރަދުކުރަމުންދާއިރު، އާސަންދައިގެ ބޭރުން އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމާއި، ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް އެމުވައްސަސާގެ ބަޖެޓުންކުރާ ޚަރަދާއި އެހެނިހެން މުވައްސަސާތަކުގެ ބަޖެޓުން ހެލްތު އިންޝުއަރެންސަށްކުރާ ޚަރަދާއި ޒަކާތު ފަންޑުން ބޭސްފަރުވާއަށް ކުރަމުންދާ ޚަރަދު އަހަރުން އަހަރަށް އެއްވެސް ހިފެހެއްޓުމެއް ނެތި ބޮޑުވަމުންދާކަމުގެ ކަންބޮޑުވުން އޮޑިޓަރ ޖެނެރަލްވަނީ ފާހަގަކުރައްވާފައެވެ.
އޮޑިޓް ރިޕޯޓުގެ އަންދާޒާތަކަށް ބަލާއިރު މިހާރު ބޭސްފަރުވާއަށް ޚަރަދުކުރަމުންދާ ގޮތްތަކާމެދު ފިޔަވަޅުތަކެއް ނާޅާ ކުރިއަށްދާނަމަ 2031 ވަނަ އަހަރު އާސަންދައަށް ކުރާ ޚަރަދަށްވުރެ އާސަންދައިގެ ބޭރުން ބޭސްފަރުވާއަށްކުރާ ޚަރަދު އިތުރުވެގެންދާނެއެވެ.
އާސަންދައަށާއި، އޭގެ ބޭރުން ބޭސްފަރުވާއަށް ކުރާ ޚަރަދުތައް މުރާޖާކޮށް ފިޔަވަޅުތަކެއް އަޅާ ކޮންމެހެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމަށް އޮޑިޓް ރިޕޯޓުގައިވަނީ ބާރުއަޅާފައެވެ. ހަމައެއާއެކު ޤާނޫނުތަކަށް ބަދަލު ގެނެސްގެންނަމަވެސް ރާއްޖޭގައި ފޯރުކޮށްދޭ ސިއްޙީ ޚިދުމަތުގެ އަގުތައް ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭކަން އެރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
2025 ވަނަ އަހަރުގެ ބަޖެޓުގައި އާސަންދައިގެ ޚަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅުމަށް ނިންމި
2025 ވަނަ އަހަރަށް ދައުލަތުން ކަނޑައެޅި ބަޖެޓުގައިވަނީ އާސަންދައިގެ ޚަރަދު ކުޑަކުރުމަށް އަހަރުގެ މެދުތެރެއާއި ހަމައަށް ތަންފީޒުކުރަން ކަނޑައަޅާފައިވާ މުހިއްމު ފިޔަވަޅުތަކެއް ހާމަކޮށްފައެވެ.
އެގޮތުން ބަލްކް ޕްރޮކިއުމަންޓް އުސޫލުން އާސަންދައިގެ ޚަރަދުކުޑަކުރުމަށް އޮތީ ރާވާފައެވެ. އަދި އާސަންދަ ޚިދުމަތް ބޭނުންކުރުމުގައި އެންމެ މުއްސަނދި ފަރާތްތަކަށް ޚާއްސަކޮށްގެން ބޭހާއި އައުޓް-ޕޭޝަންޓް ޚިދުމަތްތަކަށް އަމިއްލައަށް ކޮންމެވެސް ވަރަކަށް ޚަރަދުކުރަންޖެހޭގޮތަށް ބަދަލުކުރުމާއި، އިންކަމް ޓެކްސް ދައްކާ ފަރާތްތަކުން ޕްރީ ޕޭމަންޓެއް ނަގައިގެން ނިޒާމަށް ފައިނޭންސްކުރުމުގައި ހިއްކުރާގޮތަށް ކަނޑައެޅުމަށްވެސްވަނީ ބަޖެޓުގައި ހިމަނާފައެވެ.
އާސަންދައިން އަމިއްލަ ހޮސްޕިޓަލުތަކަށްދޭ ޚިދުމަތްތަކަށް ޕެކޭޖްތަކުގެ އަގުތައް ކަނޑައަޅައި ހާމަނައިޒްކުރުމަށްވެސް އެބަޖެޓުގައި އޮތީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އެބަޖެޓުގެ ތެރެއިން މިފިޔަވަޅުތައް އެންމެ އެކަށީގެންވާގޮތުގައި ތަންފީޒުކުރެވިފައެއް ނުވެއެވެ.