ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗު 2-0 ގެ ނަތީޖާ އަކުން ޓޮޓްނަމް މޮޅުވެއްޖެ އެވެ.
ފަހަކަށް އައި އެދެވޭ ނަތީޖާތަކެއް ނުހޯދި މަގާމު ގެއްލުމުގެ ބިރު ހީވެފައިވާ ތޯމަސް ފްރޭންކްގެ އިރުޝާދުގެ ދަށުން ޓޮޓްނަމް ކުޅުނު މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ އޮޓޮމެޓިކް އިން ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑުވެފަ އެވެ.
މި ނަތީޖާ އާއިއެކު ޓޮޓްނަމް އަށް ފުރަތަމަ ބުރުގައި މިހާތަނަށް ކުޅުނު ހަތް މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. ޑޯޓްމަންޑަށް ލިބިފައިވާ 11 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 12 ވަނައިގަ އެވެ.
ލަންޑަނުގެ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން ޓޮޓްނަމް އިން ވަނީ މޮޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
އެގޮތުން މެޗުގެ 14 ވަނަ މިނިޓުގައި ޓޮޓްނަމްގެ ކްރިސްޓިއަން ރޮމޭރޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ޑޯޓްމަންޑަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 26 ވަނަ މިނިޓުގައި ޑެނިއަލް ސްވެންސަން ކުރި ފައުލަކާއި ގުޅިގެން އޭނައަށް މެޗުގެ ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއިއެކު މެޗުގެ ގިނަ ވަގުތު އެ ޓީމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމެވެ.
ޑޯޓްމަންޑް އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުގެ ފައިދާ ނަގާ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން އަށް މިނިޓަށް ވެފައިވަނިކޮށް ޑޮމިނިކް ސޮލާންކޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ޓޮޓްނަމް އިން އަންނަ ބުދަ ދުވަހު ނިކުންނާނީ ޖަރުމަނުގެ އެއިންޓްރެކްޓް ފެރެންފަރޓް އާއި ދެކޮޅަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ކޮލިފައިވާނީ ލީގު ބުރުގެ ގަދަ އަށް ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާއިރު ނުވައަކުން ސައުވީސް ވަނައަށް ދާ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް އިތުރު ދެ މެޗު ކުޅުމަށެވެ.
ޑޯޓްމަންޑް އަތުން ޓޮޓްނަމް އަށް މުހިންމު މޮޅެއް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed