ބާސެލޯނާގެ ކެޕްޓަން އަދި ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން އަށް އެ ކުލަބާ ދެކޮޅަށް ކުޅޭނަމަ ތިން ލައްކަ ޔޫރޯ ދޭން ޖެހޭ ގޮތަށް ހަދައިފި އެވެ.
ބާސެލޯނާއިން މިގޮތަށް ހެދީ ލޯނު އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ކީޕަރު ސްޕޭނުގެ ޖިރޯނާ އަށް މި ސީޒަން ނިމެންދެން ދޫކޮށްލުމަށްފަހު އެވެ. ކުޅުންތެރިޔާ މިއަދުގެ ވަގުތެއްގައި ޖިރޯނާ އަށް ބަދަލުވާން މެޑިކަލް ހަދާނެ އެވެ. އޭނާ ވަނީ އިއްޔެ ބާސެލޯނާގެ ޓްރޭނިން ގްރައުންޑްގައި ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކޮށް ވަދާއީ ސަލާމް ކޮށްފަ އެވެ.
ނަމަވެސް އޭނާ އަކީ އަދިވެސް 2028 ވަނަ އަހަރާ ހަމައަށް ބާސެލޯނާގެ ކުޅުންތެރިއެކެވެ. މިހެންވުމުން ކުލަބު ބަދަލު ކުރި ނަމަވެސް އޭނާގެ މުސާރައިގެ 90 ޕަސެންޓް ދޭނީ ބާސެލޯނާއިންނެވެ. ޖިރޯނާއިން ދޭނީ 10 ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް އެއް މިލިއަނާއި ފަސްލައްކަ ޔޫރޯއާ ދެމެދުގެ އަދަދެކެވެ.
2015 ވަނަ އަހަރުން ފެށިގެން ބާސެލޯނާ އަށް ކުޅެމުން އައި ކީޕަރު އެހެން ކުލަބަކަށް ދާން ޖެހުނީ ކުލަބުން މަޖުބޫރު ކުރުމުންނެވެ. އޭނާ އަށް ގާތްގާތުގައި އަނިޔާގެ މައްސަލަތައް ދިމާވެ ދޮޅު އަހަރު ނުކުޅެ ހުންނަން ޖެހުމާއެކު ބާސެލޯނާއިން ވަނީ ޒުވާން ކީޕަރަކާއި ތަޖުރިބާކާރު ކީޕަރެއް ގެނެސް ޓާސްޓެގަން ތިން ވަނަ ކީޕަރަކަށް ބަދަލުކޮށްފަ އެވެ.
ކޯޗު ހަންސީ ފްލިކް ބުނީ މި ބަދަލަކީ ޓާސްޓެގަން އަށް ރަނގަޅު ބަދަލެއް ކަމަށާއި މިހާރު ކުޅުމުގެ ފުރުސަތު ލިބި ކުރިއަށް އޮތް ވޯލްޑް ކަޕުގައި ޖަރުމަނުގެ ގައުމީ ޓީމުގައި ކުޅުމުގެ ފުރުސަތު ކުޅުންތެރިޔާ އަށް ޔަގީން ކުރެވޭނެ ކަމަށެވެ.
"އޭނާ އަކީ މޮޅު ކީޕަރެއް. މިހާރު އޭނާ އަށް ޖަރުމަނުގެ ގައުމީ ޓީމުގައި ވޯލްޑް ކަޕް ކުޅެވޭނެ. މި ބަދަލަކީ އެހެންވީމާ ދެ ފަރާތަށް ވެސް ރަނގަޅު ބަދަލެއް. އަހަރެން އޭނާ އަށް ކާމިޔާބު ލިބުމަށް އެދެން،" ބާސެލޯނާގެ ޖަރުމަނުގެ ކޯޗު ފްލިކް ބުންޏެވެ.
ޓާސްޓެގަން ހޯދުމަށް އިނގިރޭސި ކުލަބުތަކުން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ ސްޕޭނުގައި ހުންނަން ބޭނުންވީ އޭނާގެ އާއިލާއާ ގާތުގައި ސްޕޭނުގައި ދިރިއުޅެން ވެގެންނެވެ.
ޓާސްޓެގަން އަށް ބާސެލޯނާއާ ދެކޮޅަށް ކުޅެވޭނީ ތިން ލައްކަ ޔޫރޯ އަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed