ފަލާހު ޕްރީސްކޫލަކީ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުލް ފަލާހުގެ ދަށުން ހިންގަމުން އަންނަ ޕްރީ ސްކޫލެކެވެ.
އެ ޖަމްޢިއްޔާއަކީ 1961 ވަނަ އަހަރު ސަރުކާރުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާގެ ބާނީއަކީ މަރްހޫމް، އަބޫބަކުރު އިބްރާހިމެވެ.
ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށްދޭން ހިންގަމުން އައި ތަފާތު ހަރަކާތްތައް ފުޅާވެ، މަދަރުސަތުލް ފަލާހުގެ ނަމުގައި ސްކޫލެއް އުފެއްދީ 1976 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ފަހުން ތުއްތު ކުދިންނަށް ޕްރީސްކޫލު ތައުލީމު ފެށިއިރު އެ ސްކޫލުގެ ނަން ފަލާހު ޕްރީސްކޫލަށް ބަދަލުކުރީ 2001 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 25ވަ ނަ ދުވަހުއެވެ.
ވަރަށް މަދު އަދަދެއްގެ ދަރިވަރުންނާއެކު ފެށި އެ ސްކޫލުގައި މިހާރު ގާތްގަނޑަކަށް 500އެއްހާ ދަރިވަރުން ތަޢުލީމު ހާސިލްކުރެއެވެ. އަދި ސްކޫލުގައި 50އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާއިރު އޭގެތެރޭގައި 36 މުދައްރިސުން ހިމެނެއެވެ.


ފަލާޙް ޕްރީ ސްކޫލްގެ ދަރިވަރުންތަކެއް:ފޮޓޯ/ފަލާޙް ޕްރީސްކޫލް

ފަލާޙު ޕްރީ ސްކޫލުގައި މިހާރު ކިޔަވައިދެމުން އަންނަނީ ދެ ދަންފަޅިއަކަށެވެ. އެގޮތުން ފުރަތަމަ ދަންފަޅީގައި އެލްކޭޖީއާއި ޔޫކޭޖީގެ ދަރިވަރުންނަށް ކިޔަވައިދޭއިރު ދެވަނަ ދަންފަޅީގައި، ނާސަރީ އަދި ބޭބީ ނާސަރީގެ ދަރިވަރުންނަށް ކިޔަވައިދެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން، އެ ސްކޫލުގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް، ޒުބޭދާ އަބޫބަކުރު ވިދާޅުވީ، ސްކޫލަށް 50 އަހަރު ފުރިފައިވަނީ ސްކޫލު ބަންދެއްގައިކަމުން މި މުނާސަބާ ފާހަގަކުރާނީ ސްކޫލް ހުޅުވުމުން ކަމަށެވެ.
ޒުބޭދާ ވިދާޅުވީ، ސްކޫލުގެ ކިޔެވުން ފެށުމާއެކު، ފެއަރ އަކާއި ފަންރަންއެއްގެ އިތުރުން، ޑިނާ ނައިޓެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މީގެއިތުރުންވެސް ގިނަ ހަރަކާތްތަކެއް ރޭވިފަައިވާކަން ޒުބައިދާ ފާހަގަކުރެއްވިއެވެ.


ފަލާޙް ޕްރީ ސްކޫލްގެ ދަރިވަރުންތަކެއް:ފޮޓޯ/ފަލާޙް ޕްރީސްކޫލް

ފަލާޙް ޕްރީ ސްކޫލަކީ އެންމެ ފަހުގެ ތަރައްޤީއާއި ޒަމާނަށް އަންނަ ބަދަލުތަކަށް މުދައްރިސުން ތަމްރީނުކޮށް ކިޔަވައިދެމުންދާ ސްކޫލެކެވެ. އެގޮތުން 2015ވަނަ އަހަރުން ފެށިގެން އެ ސްކޫލުގައި ކިޔަވައިދެމުން އަންނަނީ ޤައުމީ އައު މަންހަޖާ އެއްގޮތަށްކަން އެ ސްކޫލުން ފާހަގަކުރެއެވެ.

