ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނުހަދާ މަޖިލީހުގެ ގުޅުން ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ، ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ޝޫރާ ކައުންސިލްގެ ރައީސް، ޑޮކްޓަރ ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އަލްޝައިޚްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މި ޒިޔާރަތުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި ދީނީ، ސަގާފީ، އަދި ތާރީޚީގޮތުން ބިނާވެފައިވާ ވަރުގަދަ ގުޅުމުގެ މައްޗައް އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއިން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި މަޖިލީހުގެ ރައީސްވަނީ ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގައި އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވާފައެެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާއިން މެދުއިރުމަތީގެ ސުލްޙައާއި އަމާންކަމާއި ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަމަށް ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކޮށް، ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކަށް އެހީތެރިވުމުގައި ސަޢޫދީ ޢަރަބިއްޔާއިން ކުރައްވަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

ރާއްޖެއިން ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސަޢޫދީ ސަރުކާރުން އެކަމުގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސައިދީފައިވާ ކަމަށްޓަކައި ޝުކުރުއަދާކުރައްވައި، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި އިތުރު ލުއިފަސޭހަތައް ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި ޝޫރާ ކައުންސިލާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުން ނިންމަވައިލައްވަމުން، ޝޫރާ ކައުންސިލުން އެ މަނިކުފާނަށާއި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވައި، ޝޫރާ ކައުންސިލްގެ ރައީސް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ދަޢުވަތު މަޖިލީހުގެ ރައީސް ދެއްވިއެވެ.