ފަތުރުވެރިކަމުގެ ސިނާޢަތުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަންސަކަމަށްވާ ޓްރިޕްއެޑްވައިޒާގެ "ބެސްޓް އޮފް ދި ބެސްޓް" ލިސްޓުގެ ކުރީގައި ދިވެހިރާއްޖެ ހިިމެނިއްޖެއެވެ.

މިއީ ޓްރިޕްއެޑްވައިޒާގެ ފަތުރުވެރިންގެ ވޯޓުން ކޮންމެ އަހަރަކުވެސް ނެރޭ ރޭކިންއެކެވެ.

މި ލިސްޓުގައި ރާއްޖެ ހިމެނިފައިވަނީ، ޓްރިޕްއެޑްވައިޒާގެ 8 މިލިއަން ލިސްޓިންގެ ތެރެއިން ފަތުވެރިންގެ މެދުގައި އެންމެ ފާހަގަކޮށްލެވޭ އެކެއް އިންސައްތައިގެ ތެރޭގައި ހިމެނިގެންނެވެ. މި ރޭންކިންގްތައް ކަނޑައަޅަނީ ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ފަތުރުވެރިން ދީފައިވާ ރިވިއުތަކުގެ ފެންވަރަށާއި އަދަދަށް ބަލައިގެންނެވެ. މީގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިންނަށް ހިތްހަމަޖެހޭ, ރަނގަޅު ހިދުމަތްތަކާއި ތަޖުރިބާތަކެއް ފޯރުކޮށްދޭ މަންޒިލްތައް ފާހަގަކޮށް އަގުވަޒަންކުރުމެވެ.

ޓްރިޕްއެޑްވައިޒާގެ މިއަހަރުގެ ދުނިޔޭގެ ރޭންކިންގްގައި، ދެކުނު ކޮރެއާގެ ސޯލް، ހަންގޭރީގެ ބުޑަޕެސްޓް، އަދި ޔޫއޭއީގެ ވެރިރަށް އަބޫދާބީފަދަ ފަތުރުވެރިކަމުގެ ގޮތުން ނަން މަޝްހޫރު ބޮޑެތި މަންޒިލްތައް ފަހަތަށް ޖައްސާލާ، ރާއްޖެއިން މި ލިސްޓުން ޖާގަ ހޯދިއެވެ.

ޓްރިޕްއެޑްވައިޒާގެ ބެސްޓް އޮފް ދި ބެސްޓްގައި ރާއްޖެ
ޓްރިޕްއެޑްވައިޒާގެ ބެސްޓް އޮފް ދި ބެސްޓްގައި ރާއްޖެ

މަންޒިލްތަކުގެ ޖުމްލަ ރޭންކިންގެ އިތުރުން، ދުނިޔޭގެ "ބެސްޓް ހަނީމޫން ޑެސްޓިނޭޝަން" ކެޓަގަރީގެ ތިންވަނަ މަގާމުވެސް ރާއްޖެއަށް ވަނީ ލިބިފައެވެ. ފަތުރުވެރިންގެ ފަރާތުން ލިބިފައިވާ އިތުބާރު ހުރި ހިޔާލުތަކަށް ބިނާކޮށް ލިބުނު މި ފާހަގަކޮށްލެވޭ ކުރިއެރުމުން، ލަގްޒަރީ އަދި ހަނީމޫން މަންޒިލެއްގެ ގޮތުގައި ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރާއި މަގުބޫލުކަން ހާމަވާކަމަށް ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ވިދާޅުވެއެވެ.

ޓްރިޕްއެޑްވައިޒާގެ "ޓްރެވަލާސް ޗޮއިސް ބެސްޓް އޮފް ދަ ބެސްޓް" އެވޯޑް ދިވެހިރާއްޖެއަށް ލިބުނުއިރު، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަން ފާހަގަކުރެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް އަންނަނީ ލިބެމުންނެވެ. އެގޮތުން، 2025 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ ޝަރަފު ޖެހިޖެހިގެން ހަވަނަ އަހަރު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި ފާހަގަކުރެވޭ ކާމިޔާބީއެކެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީ ނަމޫނާ ގައުމެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިތުރުން، "ކޮންޑޭ ނާސްޓް ޓްރެވަލާ" އިން ދޭ އެކި އެވޯޑްތަކާއި، ޝަރަފުވެރި "މިޝެލިން ކީ"ގެ ލަގަބުތައްވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކަކުން ވަނީ ހޯދާފައެވެ. މިއީ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކަށް އިތުރުވެ، ރާއްޖެއަށް ފަތުރުވެރިންގެ މެދުގައި އޮތް މަގުބޫލުކަމާއި އިތުބާރު ދެމެހެއްޓުމަށް މުހިންމު ކާމިޔާބީތަކެއްކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.