ސްޕެއިންގައި ހިނގި ހައި ސްޕީޑް ޓްރެއިން އެކްސިޑެންޓާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އެޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ޕޭރެޒް ކަސްތެހޯންއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަޚަމްވި މި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ސްޕެއިން ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.

މި ހާދިސާގައި، ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް ރައީސުލްޖުމްހޫރިއްޔާވަނީ އެދިވަޑައިގެންނެވެ. އަދި ޙާދިޘާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ކުރަމުންދާ މަސައްކަތްތަކަށްވަނީ ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.