ބިދޭސީން މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން އަހަރެއް ތެރޭގައި ކޯޓާ ނުނަގާ ސައިޓުތައް އެކްސްޕެޓް ސިސްޓަމުން ހަރަކާތްތެރިނުވާ ފަރާތެއްގެ ގޮތުގައި ކަނޑައެޅިގެންދާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއެއް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި ބިދޭސީންނާއި ގުޅުންހުރި ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރުމަށް މިހާރުވަނީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ޕްރޮޖެކްޓް އުސޫލުން ރަޖިސްޓްރީކުރަންޖެހެއެވެ.


ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވީ، ރަޖިސްޓްރީކޮށްފައިވާ މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގެ ރިކޯޑުތަކުން ދައްކާ މަސައްކަތްކުރާ ސައިޓުތައް އަންގާރަ ދުވަހުން ފެށިގެން "ޕެންޑިންގ ސައިޓް ކްލިއަރެންސް"ގެ ގޮތުގައި ކަނޑައަޅާނެކަމަށެވެ.

ރަޖިސްޓްރީ ކޮށްފައިވާ މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ކޯޓާ ނުނަގާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަން މިމަހުގެ 25 ވާ އާދިއްތަ ދުވަހުން ފެށިގެން އެފަދަ ސައިޓުތައް ""އިން-އެކްޓިވް" އަށް ބަދަލުކުރެވޭނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އެވުޒާރާއިން ވިދާޅުވީ މިފަރާތްތަކުން މުއްދަތު ހަމަވެފައިވާ މަސައްކަތާއި ގުޅުންހުރި ސައިޓުތައް އަލުން އެކްޓިވޭޓްކުރުމަށް، ލިޔެކިޔުންތައް އައުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ޑޮކިއުމަންޓްތައް އަޕްޑޭޓްކުރުމަށް ވަޒީފާދޭ ފަރާތްތަކަށް އަންގާފައިވާކަމަށެވެ.

ބިދޭސީން ރާއްޖެއަށް ގެނެސް މަގުމައްޗަށް ދޫކޮށްލާ މައްސަލަ ބޮޑުވެފައިވާއިރު، ވަކި ބާވަތެއްގެ މަސައްކަތްކުރުމަށް ސައިޓުތައް ރަޖިސްޓްރީކޮށް އެކަމުގެ ފައިދާ ނަހަމަގޮތުގައި ބައެއް ފަރާތްތަކުން ނަގަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. އެހެންކަމުން ގަވާއިދާ އެއްގޮތަށް ރާއްޖޭގެ މަސައްކަތްކުރުމުގެ މާޙައުލުގެ ކަންކަން ބައްޓަންކޮށް ބިދޭސީން ގަވާއިދުގެ ތެރެއިން މަސައްކަތްކުރުމަށް ބާރުއެޅުމަށް ގަވާއިދަށް ބަދަލުގެނެސް އުސޫލުތައްދަނީ ބަދަލުކޮށް ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންނެވެ.