އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުން ދެން އޭނާ ނުފެންނާނެ ކަމަށް ސެނެގާލްގެ ފޯވަޑް ސާދިއޯ މާނޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ފައިނަލަށް ޓީމު ގެންގޮސްދޭން ލަނޑު ޖަހައިދިނުމަށްފަހު އެވެ. ފައިނަލްގައި ސެނެގާލް ވާދަ ކުރަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު މޮރޮކޯއާ އެވެ.

"އަހަރެންގެ އެފްރިކާ ކަޕުގެ ސޮފުހާ މި ހިސާބުން މި ނިމުނީ. އަހަރެން ދެން މި މުބާރާތުގައި ނުކުޅޭނަން. އަހަރެން ދެކޭ ގޮތުގައި އަހަރެން ދެން ވިސްނަން ޖެހޭނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ އަހަރެންގެ ކުލަބު ކެރިއަރަށް،" މާނޭ ބުންޏެވެ.

އޭނާ ބުނީ އެފްރިކާ ކަޕުގައި ސެނެގާލް ތަމްސީލު ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލަކާއި ފަހުރެއް ކަމަށެވެ.

ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅެމުން އަންނަ ފޯވަޑް ވަނީ 2021 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަދި މިއީ އެފްރިކާ ކަޕުގައި އޭނާގެ ތިން ވަނަ ފައިނަލެވެ. އޭނާ ވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ދެ ފަހަރު ހޯދައިފަ އެވެ.

"ގައުމު ތަމްސީލު ކުރުމަކީ ވަރަށް ބޮޑު ފަހުރެއް. އެކަމަކު އަހަރެންނަށް ހީވަނީ ކޮންމެވެސް ދުވަހަކުން މިކަން ވެސް ހުއްޓާލަން ޖެހޭނެހެން. އެއީ ފުޓްބޯޅައިގެ އުސޫލު. އެހެންވީމާ އަހަރެން ގަސްތު ކުރަނީ ކުރިއަށް އޮތް ފައިނަލަށް ފަހު އެފްރިކާ ކަޕުގައި ނުކުޅެން،" މާނޭ ބުންޏެވެ.

ސެނެގާލް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި މިސުރު ބަލިކޮށްފަ އެވެ. މިއާއެކު މާނޭގެ ގާތް ރަހުމަތްތެރިޔާ މުހައްމަދު ސަލާހް މި މުބާރާތް ކާމިޔާބު ކުރުމަށް ދެކެމުން އައި ހުވަފެން އަނެއްކާ ވެސް ވަނީ ދިގުލައި ގޮސްފަ އެވެ. މި މެޗަށް ފަހު ސެނެގާލްގެ ސަޕޯޓަރުން ވަނީ މިސުރުގެ ބައެއް ކުޅުންތެރިންނަށް މަލާމާތްކޮށްފަ އެވެ. ރައްދުގައި މިސުރުން ބުނީ އެ މީހުންނަކީ މި މުބާރާތުގެ ހަތް ފަހަރެއްގެ ޗެމްޕިއަނުން ކަމަށެވެ.

"ސަލާހަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ އަށް މި މުބާރާތް ކާމިޔާބު ކުރެވެންވާނެ. އެއީ އޭނާ އަށް ހައްގު އިނާމެއް. އަހަރެން ދެރަވަން އޭނާ އަށް މި ފުރުސަތު ނުލިބިދާތީވެ. އޭނާ އަކީ އަހަރެން ދެކޭ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ،" އެކުގައި ލިވަޕޫލްގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ފޯވަޑާ ބެހޭ ގޮތުން މާނޭ ބުންޏެވެ.