ސައުތު އޭޝިއަން ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި ކުރިމަތިލާނީ ބަންގްލަދޭޝްއާއެވެ.
މި ދެ ޓީމުން ވެސް މިހާތަނަށް މުބާރާތުގައި އެއް މެޗު ކުޅެފައިވާއިރު ރާއްޖެއިން ވަނީ ފުރަތަމަ މެޗުން މޮޅުވެފައެވެ. ބަންގްލަދޭޝްވީ އެއްވަރެވެ.
މި ދެ ޓީމަކީ ތަފާތު ދެ ސްޓައިލެއްގައި ކުޅޭ ދެ ޓީމެވެ. ބަންގްލަދޭޝް އަކީ ފިޒިކަލް ޑިފެންސިވް ގޭމެއްގައި، ކައުންޓަރ އެޓޭކުތަކުގައި ތަފާތު ދައްކާފައިވާ ޓީމެކެވެ. އެއާ ޚިލާފަށް ރާއްޖެ އަކީ ވަކިވަކި ކުޅުންތެރިންގެ ހުނަރުވެރިކަމާއެކު ހަލުވި ދުވެއްޔެއްގައި އެޓޭކިން ގޭމެއް ކުޅޭ ޓީމެކެވެ.

ދިވެހިރާއްޖެ
ރާއްޖެ އަކީ މި މުބާރާތް ކާމިޔާބުކުރުމުގައި އެއް ފޭވަރިޓެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ފީފާ ފުޓްސަލް ރޭންކިންގައި އެންމެ މަތިން ރޭންކު ކުރެވިފައިވާ ޓީމަކީ ވެސް ރާއްޖެއެވެ.
މުބާރާތުގެ މެޗުތައް ކުޅޭފަދަ އިންޑޯ ޕިޗެއް ރާއްޖޭގައި ނެތް ނަމަވެސް، ތަމްރީނު ކޭމްޕުގެ އެހީގައި ރާއްޖެއިން ވަނީ އެފަދަ ޕިޗުތަކަށް ވެސް ހޭނިފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ ތަފާތު މޮޅު ކުޅުމަކާއެކު ފަރަގު ބޮޑު ނަތީޖާއަކުން ޕާކިސްތާނުގެ މައްޗަށް ކުރިހޯދާފައެވެ. އެ މެޗުން ރާއްޖެ މޮޅުވީ 1-7 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ރާއްޖެ ޓީމުން ދެއްކި ކުޅުމާއި، ނެރުނު ނަތީޖާއާއެކު އެހެން ހުރިހާ ޓީމަކުން ވެސް ރާއްޖެ މިހާރު ދެކެނީ އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައެވެ.

ތަރި
ރާއްޖޭގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ތަފާތު މޮޅު، ޑްރިބްލިންގައި ހުނަރުވެރި އެޓޭކިން ވިސްނުމެއްގެ ކުޅުންތެރިންތަކެކެވެ.
ކަން މިހެން އޮވެމެ، ޕިޗުގައި ޓީމު ލީޑުކުރުމުގެ ޒިންމާ ވެސް ހަވާލުކޮށްފައި އޮތް ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އަކީ ފާހަގަކޮށްލެވޭ ނަމެކެވެ. ގިނަބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ޓީމެއް ލީޑުކުރުމުގެ ޒިންމާ އޭނާއާ ހަވާލުކޮށްފައި އެވަނީ ވެސް، ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހުގައިކަން ޔަގީނެވެ.
ފާޙަގަކޮށްލަން ޖެހޭ ގޮތުގައި އިމްރާން ވަނީ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑު ޤައުމީ ޖާޒީގައި ޖަހައިދީފައެވެ. އިދިކޮޅު ޓީމުތަކުން އެންމެ ބޮޑަށް ފާރަވެރިވާނެ އެއް ކުޅުންތެރިއަކަށް ރާއްޖެ ޓީމުން އިމްރާން ވާނެއެވެ.


ރާއްޖޭގެ ކެޕްޓަން އިމްރާން.

ބަންގްލަދޭޝް
ބަންގްލަދޭޝް އަކީ ވެސް މި މުބާރާތުގެ ފުރަތަމަ މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު ތަފާތު މޮޅު ޓީމެކެވެ. ސަރަހައްދީ ބާރެއް ކަމަށް ބެލެުނު އިންޑިއާ އާ ދެކޮޅަށް ވަރުގަދަ ފައިޓެއްދީ ބަންގްލަދޭޝް އިން ވަނީ މެޗުން ޕޮއިންޓެއް ހޯދާފައެވެ.
އިންޑޯ ޕިޗުތަކުގައި ފަރިތަކުރުންތައް ބާއްވައި، މި މުބާރާތަށް ބަންގްލަދޭޝް އިން ނުހަނު ތައްޔާރުވެފައިވާއިރު ބައިނަލްއަގްވާމީ ތަޖުރިބާވެސް ބަންގްލަދޭޝް ޓީމުގައި ހުންނާނެއެވެ.
ބަންގްލަދޭޝް އިން ވަނީ މީގެކުރިން އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކޮށްފައެވެ.
ފީފާ ރޭންކިން އަށް ބަލާއިރު ބަންގްލަދޭޝް އޮތީ 139 ވަނައިގައެވެ.

ތަރި
ބަންގްލަދޭޝް ޓީމަށް ބަލާލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ ކެޕްޓަން އެމްޑީ ރަހްބާރު ވާހިދުއެވެ.
ރަޙްބާރަކީ ކެނެޑާގައި ފުޓްބޯޅަ ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި ކޮލެޖު ދުވަސްވަރުގައި އޭނާ ވަނީ އެމެރިކާގެ ބައެއް ކޮލެޖުތަކުގެ ޓީމުތަކަށް ވެސް ކުޅެފައެވެ.
ރަޙްބާރު ވަނީ މުބާރާތުގައި ބަންގްލަދޭޝް އިން ކުޅުނު ފުރަތަމަ މެޗުގައި، އިންޑިއާ ކޮޅަށް ދެ ލަނޑު ޖަހާފައެވެ.
ރަޙްބާރު ވާނީ ރާއްޖެ ޓީމުން އެންމެ ބޮޑަށް ފަރުވާތެރިވާން ޖެހޭނެ އެއް ކުޅުންތެރިޔާ އަށެވެ.

ކެޕްޓަން ރަހްބާރް ޚާން. ފޮޓޯ: ސާފް
ސްކޮޑް
