އަލްބަސޭޓޭ އަތުން 3-2އިން ބަލިވެ، ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުން ރެއާލް މެޑްރިޑް ކަޓައިފި އެވެ.
ސްޕެނިޝް ސުފަ ކަޕް ފައިނަލުން ބަލިވުމުން ކޯޗުކަމުން ޒަބީ އަލޮންސޯ ވަކިކޮށް މި މެޗުގައި ރެއާލް އަށް ކޯޗުކޮށްދިނީ އައު ކޯޗު އަލްވާރޯ އާބެލޯއާ އެވެ.
މެޗަށް ފަހު އޭނާ ބުނީ ބަލިވުމުގެ ޒިންމާ ނަގާނީ އޭނާ ކަމަށެވެ. އަދި މި ބަލިވުމުގެ ތަފްސީލު ފުޓްބޯޅައިގެ ނުފޫޒުގަދަ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ދޭން ނުޖެހޭނެ ކަމަށެވެ.
"އަހަރެންނަށްވުރެ ރަނގަޅަށް އޭނާ އަށް މި ވާ ގޮތް އެނގޭނެ. މިކަމުގެ ތަފްސީލު އޭނާ އަށް ދޭކަށް އަހަރެންނަށް ނުޖެހޭނެ. މި މެޗުން ވީ ބަލީގެ ޒިންމާ ނަގާނީ އަހަރެން. ޓީމަށް ގެނައި ބަދަލުތަކުން ފެށިގެން ފުރަތަމަ 11 ނެގި ގޮތުގެ ޒިންމާ ނަގާނީ ވެސް އަހަރެން. އަހަރެން މި ތަނުގައި މިހުރީ ބަލިވެދާނެތީ ނުވަތަ ފެއިލް ވެދާނެތީވެ، އެފަދަ ބިރުވެރިކަމެއްގައެއް ނޫން،" ކޯޗު ބުންޏެވެ.
މި މުބާރާތުން ކެޓުމުން މި ސީޒަނުގައި ރެއާލް އަށް ތައްޓެއް ހޯދުމުގެ ފުރުސަތު އޮތީ ދެ މުބާރާތެއްގަ އެވެ. އެއީ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގުގަ އެވެ. މީގެ ތެރެއިން ސްޕެނިޝް ލީގުގައި ރެއާލް އޮތީ ބާސެލޯނާ އަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގަ އެވެ.
އާބެލޯއާ ރޭގެ މެޗަށް ޓީމު ނެރުނީ ވަރަށް ގިނަ ތަރިން ނުލަ އެވެ. މީގެ ތެރޭގައި ގޯލްކީޕަރު ތިބައޫ ކޯޓުއާ އާއި ކީލިއަމް އެމްބާޕޭ އާއި ވިނީޝިއުސް ޖޫނިއާ އާއި ޖޫޑް ބެލިންހަމް ވެސް ހިމެނެ އެވެ.
"އަހަރެން ފުރަތަމަ 11 ނެގީ ރަނގަޅަށް. ސަބަބަކީ އެ މީހުން ފައިނަލެއް ކުޅެފައި ދިގު ދަތުރެއް ކޮށްފައި ވަރުބަލިވެފައި ތިބުމުން. މި ކުލަބަކީ ބޮޑު ތާރީހެއް އޮތް ކުލަބެއް. ބަލިވެސް ވާނެ. ދެރަވެސް ވާނެ. އަހަރުމެންނަށް ލިބޭ އުފާވެރި ކަމަކީ މިފަދަ ކޮންމެ ކަމަކަށް ފަހު ޖެހިގެން އޮންނަ މެޗަށް ފުރިހަމަ އަށް ތައއްޔާރުވެ މޮޅުވާކަން،" ކޯޗު ބުންޏެވެ.
ރެއާލް މެޑްރިޑް ހުސްވި ސީޒަން ނިންމާލީ ވެސް ހުސް އަތާ އެވެ.
ރެއާލް ކަޓައިފި، ޕެރޭޒަށް ތަފްސީލު ދޭން ނުޖެހޭނެ: ކޯޗު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed