ރާއްޖޭގެ ފުރަތަމަ އެއަރ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނަޢީމް ޙުސެއިން އަވަހާރަވެއްޖެއެވެ.

މުޙައްމަދު ނަޢީމް އަވަހާރަވުމާއި ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަޢީމްގެ ވަކިވެ ދިޔުމަކީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށެވެ. އަދި ނަޢީމްގެ ހަނދާން އަބަދުވެސް އެސިނާޢަތުން ކުރާނީ ޝުކުރުވެރިކަމާ އެކުގައި ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީންކޮށް، ޚިދުމަތަށް ނުކުންނެވި ބޭފުޅުންގެ ތެރޭގައި ނަޢީމް ހިމެނި ވަޑައިގަންނަވައެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އެއަރ ޓްރެފިކް ކޮންޓްރޯލަރގެ މަޤާމު ފުރުއްވީ، މުޙައްމަދު ނަޢީމް ޙުސެއިންއެވެ. ދިވެހި ސަރުކާރަށް މުޙިންމު ޚިދުމަތްތަކެއް ކުރައްވާފައިވާއިރު ރާއްޖޭގެ އެވިއޭޝަން ސިނާޢަތް ކުރިއެރުވުމުގައިވެސް ނަޢީމް ވަނީ މުޙިންމު މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

ނަޢީމް އަވަހާރަވީ ޢުމުރުފުޅުން 74 އަހަރުގައެވެ.