އިނގިރޭސި އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުގެ ޖާގައެއް މެންޗެސްޓަރ ޔުނައިޓެޑް 2-1ގެ ނަތީޖާއަކުން ބަލުކުރުމަށްފަހު ބްރައިޓަން އިން ހޯދައިފި އެވެ.
މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރު ކޯޗު ރުބެން އަމޮރިމް މަގާމުން ވަކިކުރުމަށްފަހު ވަގުތީ ގޮތުން ކޯޗު ކަމާއި ހަވާލުވެފައިވަނީ ކުރިން އެ ކްލަބަށް ކުޅުނު ޑަރެން ފްލެޗަރ އެވެ.
އެފްއޭ ކަޕުން ޔުނައިޓެޑް ކަޓާފައިވާއިރު މީގެ ކުރިން އެ ޓީމު ވަނީ ކަރަބާއޯ ކަޕްގެ ދެވަނަ ބުރުން ކަޓާފަ އެވެ. މިއީ 82-1981 ވަނަ އަހަރުގެ ސީޒަނަށްފަހު ޑޮމެސްޓިކް ދެ މުބާރާތުން އެ ޓީމު ކަޓާފައިވާ އެންމެ އަވަސް ފަހަރެވެ.
ބްރައިޓަން އިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 12 ވަނަ މިނިޓުގައި ބްރަހާން ގްރޫޑާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ބްރައިޓަން ކުރީގައި އޮތްއިރު މެޗުގެ 64 ވަނަ މިނިޓުގައި ބްރައިޓަން އިން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކުރިން ޔުނައިޓެޑަށް ކުޅުނު އުމުރުން 35 އަހަރުގެ ޑެނީ ވެލްބެކް އެވެ.
ޔުނައިޓެޑް އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ބެންޖަމިން ސެސްކޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ދެވަނަ ރީނދޫ ކާޑެއް ދައްކާ ޔުނައިޓެޑްގެ ޝިއާ ލޭސީ ވަނީ ދަނޑުން ފޮނުވާލާފަ އެވެ.
ޔުނައިޓެޑް މި މެޗުން ބަލިވެފައިވާއިރު ވަގުތީ ގޮތުން ކޯޗު ކަމާއި ހަވާލުވި ޑަރެން ފްލެޗަރގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ވަނީ އެއްވަރުވެ އެއް މެޗުން ބަލިވެފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑް އެފްއޭ ކަޕުން ކަޓައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed