ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ކުރީގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުންގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އަދި އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުއެވެ.

މިމައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފޮނުވުމުން، ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ އެނާގެ ނަން ކޮމެޓީގައި ބައިރިވެރިވި މެންބަރުން އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އޭނާގެ ނަން ފާސްކުރުމާއެކު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމަށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައި އެ ޖަލްސާގައި އެކަން ވަނީ އެޖެންޑާކޮށްފައެވެ.

ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ. މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އެޗްއާރުސީއެމްގެ ރައީސްގެ މަގާމުވެސް މިހާރު އޮތީ ހުސްކޮށެވެ. އެ މަޤާމަށް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ޑރ. ރަމީލާއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ ވަޒީރެވެ. ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ވަޒީރުކަމުން އެކަމަނާ އިސްތިއުފާދެއްވީ، 1 ޑިސެންބަރު 2024ގައެވެ. ރައީސުލްޖުމްހޫރިއްޔާ، އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ޑރ. ރަމީލާ އައްޔަން ކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ. މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވައެެވެ. އެއީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމް އަދި ޑރ. ޢާއިޝަތު ރަމީލާއެވެ.