2025ވަނަ އަހަރުގެ ނޮވެމްބަރުމަހު ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު %15 އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން ނޮވެމްބަރުމަހު ލުއި ލޯނާއި ކްރެޑިޓް ކާޑަށް 8.7 ބިލިއަން ރުފިޔާ ބޭންކްތަކުން ދޫކޮށްފައިވެއެވެ. 2025ވަނަ އަހަރުގެ ޖެނުއަރީ މަހު ލޯނާއި ކްރެޑިޓް ކާޑަށް ދޫކުރި ފައިސާގެ އަދަދު ހުރީ 7.6 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ 1.1 ބިލިއަން ރުފިޔާ އިތުރުވުމެކެވެ.

ލޯނާއި ކްރެޑިޓް ކާޑަށް ދޫކުރާ ފައިސާގެ އަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ 5އަހަރުގެ ތެރޭގައި ލޯނާއި ކްރެޑިޓް ކާޑަށް ނެގި އަދަދު ވަނީ %141 އިތުރުވެފައިކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނު %15 އިތުރު
ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނު %15 އިތުރު

މި ރިޕޯޓުން ދައްކާ ގޮތުގައި މައިގަނޑު ސިނާޢަތްތައް ކަމަށްވާ ޕަރސަނަލް ލޯނު، ފަތުރުވެރިކަން، ވިޔަފާރި، ބިނާކުރުން އަދި ރިއަލް އެސްޓޭޓްގެ ދާއިރާއިން ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ އިތުރުވެފައެވެ.

ޓޫރިޒަމް ފިޔަވައި އެންމެ ގިނަ ލޯނު ބޭންކްތަކުން ދޫކުރަނީ ކްރެޑިޓް ކާޑާއި ލުއި ލޯނަށެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް ދޫކުރި ލޯނުތަކުގެ އަދަދު އިތުރުވުން ގުޅިފައިވަނީ، ވޯކިންގ ކެޕިޓަލްއާއި، ރިސޯޓް ތަރައްޤީކުރުން އަދި ގެސްޓްހައުސްތަކަށް ދޫކުރާ ލޯނުތައް އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.