އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކާމިޔާބުކޮށް ތާވަލުގެ ދެވަނަ މަގާމް ހޯދައިފި އެވެ.

މި މެޗުން އެސްޓަން ވިލާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން 42 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. ނޮޓިންހަމް ފޮރެސްޓަށް ލިބިފައިވާ 18 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ.

އެސްޓަން ވިލާގެ ވިލާ ޕާކްގައި ސާޅީސް ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އެސްޓަން ވިލާ އިން ލަނޑެއް ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގެ ކުޅުމުގަ އެވެ.

މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މޯގަން ރޮޖާރސް ދިން ޕާހަކުން އޮލީ ވޮޓްކިންސް އެވެ. މިއީ އޭނާ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ޖެހި ހަތަރުވަނަ ލަނޑެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ޖޯން މެކްގިން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި ފޮރެސްޓް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި މޯގަން ގިބްސް ވައިޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެސްޓަން ވިލާ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 73 ވަނަ މިނިޓުގައި ޖޯން މެކްގިން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި އެސްޓަން ވިލާ މޮޅުވިއިރު އެ ޓީމުން ވަނީ އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 11 މެޗުން މޮޅުވެފަ އެވެ. މިއީ ފާއިތުވެދިޔަ 36 އަހަރުގެ ތެރޭގައި އަމިއްލަ ދަނޑުގައި ބަލިނުވެ އެ ޓީމަށް ހޯދިފައިވާ އެންމެ ރަގަޅު ނަތީޖާ އެވެ.