ސައޫދީ އަރަބިއާގެ އަލް ހިލާލްއިން ދޫކޮށްލާ ޑިފެންޑަރު ޔާއޯ ކަންސެލޯ އިންޓަމިލާނަށް ދާނީ ބާސެލޯނާ ބޭނުންނުވާ ނަމަ ކަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.

ލޯނު އުސޫލުން މީގެ ދޮޅު އަހަރު ކުރިން ބާސެލޯނާ އަށް ކުޅުނު ކަންސެލޯ އަކުން ގެނައުމާމެދު ބާސެލޯނާއިން ވަކި ގޮތެއް ނުނިންމަ އެވެ. ނަމަވެސް އެ ކުލަބުން ވަނީ އޭނާގެ އެޖެންޓާ ވާހަކަ ދައްކައިފަ އެވެ.

އުމުރުން މިހާރު 31 އަހަރުގެ މެންޗެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރު އަލް ހިލާލް ދޫކޮށްލަން ޖެހުނީ އެ ކުލަބުގެ ކޯޗު ސިމޯން އިންޒާގީ އަށް އޭނާގެ ކުޅުން ކަމު ނުދާތީ އެވެ.

ކަންސެލޯ ހޯދުމަށް މިހާތަނަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ ކުލަބަކީ އިންޓަމިލާނެވެ. ނަމަވެސް އޭނާގެ ފުރަތަމަ ޓާގެޓަކީ ބާސެލޯނާ އަށް އަލުން ބަދަލުވުމެވެ. އޭނާ ގެނައުމާމެދު އެންމެ ފަހު ބަސް ކުރާނީ ކޯޗު ހަންސީ ފްލިކެވެ. ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި ކަންސެލޯ ސޮއި ބާސެލޯނާއިން ހޯދާނީ އެ ކުލަބަށް ރަނގަޅު އެހެން ޑިފެންޑަރަކު ނުލިބިއްޖެނަމަ އެވެ. ކޯޗު ފްލިކް ބޮޑަށް ބުރަވަނީ ޑިފެންސްގެ ގިނަ މަގާމުތަކަކަށް ކުޅެވޭ ޑިފެންޑަރަކެވެ.

މި ގޮތުން މެންޗެސްޓާ ސިޓީގެ ނޭތަން އޭކް އުޅެނީ ފްލިކްގެ ލިސްޓުގައި ކަންސެލޯ އަށްވުރެ ކުރީގައި ކަމަށްވެ އެވެ.
ޖެނުއަރީ މަހު ބާސެލޯނާއިން ޑިފެންޑަރަކު ހޯދާނެ އެވެ. ކޯޗު ވަނީ އެކަމަށް މެނޭޖްމަންޓުގައި އެދިފަ އެވެ. އޭނާ ބުނީ ޑިފެންޑަރަކު ނުހޯދައި ބާސެލޯނާ އަށް ކާމިޔާބު ލިބުން ދުރު ކަމަށެވެ.