މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ތަރައްޤީ ކުރުމަށްޓަކައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަސައްކަތް ފަށާފައިވަނީ، މިމަހުގެ 9 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ވިދާޅުވީ، ބާޒާރުމަތީ ސަރަޙައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ކުރިން ހުރި ކީ-ވޯލް ތަޅާލުމުގެ މަސައްކަތުގެ 65 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި ސެޓްލްމަންޓް ޓޭންކްތައް ހަރުކުރުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މި ހަފުތާގެ ނިޔަލަށް އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.
We have commenced the sheet piling works for Phase 2 of Male North Side Boduthakurufaanu Road Development project.
Additionally, the existing quay wall demolition work is at 65% completion while settlement tanks installation is at 40%.
Other ongoing works include new sewer…pic.twitter.com/I5m09yZUQR— MTCC Plc (@MTCCPlc)December 25, 2025
މި މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތުގެ ތެރެއިން އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ވަނީ ނިންމާފައެވެ. އެމްޓީސީސީގެ އަމާޒަކީ ރޯދަ މަހުގެ ކުރިން މި ސަރަޙައްދުގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށްވެސް އެމްޓީސީސީއިން ވަނީ ނިންމާފައެވެ. އެގޮތުން މާރުކޭޓު ސަރަހައްދުން ފެށިގެން ސޮނީ ހާރޑްވެއާ އާ ހަމައަށް މަގު ބަންދުކޮށްގެން މަސައްކަތް ކުރިއަށްދާއިރު، އިތުރު ސަރަޙައްދުތައް ބަންދުކުރަން ޖެހިދާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
މި މަޝްރޫޢު ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.