މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ސަރަޙައްދު ހުޅުވާ، ޓަރމިނަލްގެ ޖާގަ އިތުރު ކުރުމަށްޓަކައި 2 ފަންގިފިލައިގެ ޢިމާރާތެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.

އޭޕްރަންއަށް އިތުރުކުރި ބަޔާއެކު މިހާރު މާފަރު އެއަރޕޯޓުގައި އެއްފަހަރާ 35 އެއަރ ކްރާފްޓު ޕާކު ކުރެވޭނެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ، އައިލެންޑް އޭވިއޭޝަން ސަރވިސްގެ ދަށުން ޚިދުމަތްދެމުން އަންނަ އެއަރޕޯޓެކެވެ. އެކުންފުނީގެ ބެލުމުގެ ދަށުން އެއަރޕޯޓުގެ ތަރައްޤީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން ހޮނިހިރު ދުވަހު ވަނީ، މިއަހަރުގެ ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް، މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ސަރަޙައްދު ހުޅުވާލާފައެވެ. އައިލެންޑް އެވިއޭޝަނުން ވިދާޅުވީ، އަލަށް ހުޅުވި މިބަޔާއިއެކު މިހާރު މާފަރު އެއަރޕޯޓުގައި އެއްފަހަރާ 35 ފްލައިޓު ޕާކު ކުރެވޭނެ ކަމަށެވެ. މީގެއިތުރުން މާފަރު އެއަރޕޯޓުގެ ޓަރމިނަލްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނައުމަށްޓަކައި، އިތުރު ޓަރމިނަލް ޢިމާރާތެއް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބިންގާވެސް އަޅާފައެވެ.

ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްގެން 2 ފަންގިފިލައަށް ތަރައްޤީ ކުރާ މިޢިމާރާތުގައި 12000 އަކަފޫޓޫ ހުންނާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިޢިމާރާތާއެކު އިތުރު ލައުންޖުތަކާއި އަދި އޮފީސް ޢިމާރާތް އިތުރަށް ފުރިހަމަކޮށް ޚިދުމަތް މިހާރަށްވުރެ ފުޅާކުރެވޭނެ ކަމަށް އައިލެންޑް އެވިއޭޝަނުން ވިދާޅުވެއެވެ.

މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައިފި
މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައިފި

މިރަސްމިއްޔާތަށްފަހު ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިލެންޑް އެވިއޭޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވީ، މިއީ މުޅި ނ.އަތޮޅާއި ރާއްޖޭގެ އިޤްތިޞާދަށް އޭގެ މަންފާ ކުރާނެ މަޝްރޫއެއް ކަމަށެވެ. އެގޮތުން މާފަރަށް އަންނަ އެއަރ ކްރާފްޓްތަކަށް ޚިދުމަތް ދިނުމަށް ބޭނުންވާ މުހިއްމު ވަޞީލަތްތައް އެއަރޕޯޓާ ޙަވާލުކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މިހުޅުވާލި އައު އޭޕްރަން، މިއާއެކު އެއްފަހަރާ 35 އެއަރކްރާފްޓަށް މިތަނުގައި ޕާކު ކުރެވޭނެ. ދެން މިއަންނަނީ، ޓަރމިނަލްގެ އައު ޢިމާރާތް، މިހާރު އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެއް އޮންނައިރު ޚިދުމަތް ފުޅާކުރުމަށް ޓަރމިނަލް ބޮޑުކުރަންޖެހޭ." ސަލީމް ވިދާޅުވިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ބައިނަލްއަޤުވާމީ އެއަރލައިންތަކަށް ޚިދުމަތްދެމުން ދާ އެއަރޕޯޓެވެ.

މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައިފި
މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައިފި