ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ ޚާއްސަ ސެމިނާއެއް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ފަށައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ މިސެމިނާއަކީ ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕްގެ ބައިވެރިންނަށް ޚާއްސަކޮށްގެން، ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒްކުރުމާ ބެހޭ ގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ސެމިނާއެކެވެ. މި ސެމިނާރުގެ ދެވަނަ ބައި މިއަދު ފަށާފައިވާއިރު ފުރަތަމަ ބައި ކުރިއަށް ގެންދިޔައީ މިމަހުގެ 13ގައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސެމިނާއަކީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒާއި، ޗައިނާގެ ޖިއާއޮ ތޮންގ ޔުނިވަރސިޓީ އާއި އޮސްޓްރޭލިއާގެ އާރްއެމްއައިޓީ ގުޅިގެން ކުރިއަށްގެންދާ ސެމިނާއެއްކަމަށެވެ. މި ސެމިނާގައި މަޢުލޫމާތު ދެއްވަނީ މި ދެ ޔުނިވަރސިޓީގެ ކަމާބެހޭ ދާއިރާތަކުގެ ތަޖުރިބާކާރު ޕްރޮފެސަރުންނެވެ.

އެ ވުޒާރާއިން ވިދާޅުވީ މިމަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ "2.0"ގެ ދަށުން ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓަލައިޒުކުރެވޭ އިރު، ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒޭޝަނަށް ހިޖުރަކުރުމަށް މަގުފަހިކުރުމަށްޓަކައި، ހިންގާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެއްކަމަށެވެ.

ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ ޚާއްސަ ސެމިނާއެއް
ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ ޚާއްސަ ސެމިނާއެއް

މި ސެމިނާގެ މައިގަނޑު މަޤްސަދަކީ، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ސްކޮލަރޝިޕްގެ ބައިވެރިންނާއި ތަރިކައިގެ ދާއިރާގެ މުވައްޒަފުންނަށް، ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ އެންމެ ފަހުގެ ހުނަރުތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ދިވެހި ތަރިކަ ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް އޭގެ ފައިދާ ލިބޭނެއެވެ.

ދިވެހި ޤައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވައި، 50 ދިރާސާވެރިންނަށްވަނީ ފުރުޞަތު ދެއްވާފައެވެ.

ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ ޚާއްސަ ސެމިނާއެއް
ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ ޚާއްސަ ސެމިނާއެއް

މީގެއިތުރުން، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން، "ސިގްނޭޗަރ ސްކޮލަރޝިޕަށް ހުޅުވި 40 ސްކޮލަރޝިޕަކީ ޤައުމިއްޔަތު ދިރުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއްކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. އެގޮތުން 40 ފަރާތަކަށް އެ ސްކޮލަރޝިޕް ވަނީ ދީފައެވެ.