އެމްޕީއެލްއިން ގުޅިގެން ކުރިއަށް ގެންދިޔަ ޔޫ.އެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމާއި އިތުރު ތަމްރީންތައް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިއީ، ޕޯޓުގެ ޚިދުމަތްތައް ޒަމާނީ ކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ދިނުމަށް ހިންގި ޕްރޮގްރާމްތަކެކެވެ.

ރޭ މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ވިޔަފާރިއާއި އިޤްތިސާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މި ރަސްމިއްޔާތުގައި ޔޫ.އެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި އެމް.ޕީ.އެލް ގުޅިގެން ހިންގި އަންކްޓަޑް މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނާއި، ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މީގެ އިތުރުން 2025 ވަނަ އަހަރު އެމް.ޕީ.އެލްއިން ހިންގި އިންޓާރންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށްވެސް ވަނީ ސެޓްފިކެޓް ދީފައެވެ.

ބާރަ އަހަރުގެ މެދުކެނޑުމަކަށްފަހު އަންކްޓަޑްގެ މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް ރާއްޖޭގައި އަލުން ފެށީ، 2024 ވަނަ އަހަރުގެ ތެރޭގައެވެ. 18 މަސް ދުވަހަށް ކުރިޔަށްގެންދިޔަ މި ޕްރޮގްރާމް 18 ފަރާތަކުން ފުރިހަމަކޮށްފައިވެއެވެ. މީގެ ތެރެއިން 17 ފަރާތަކީ، އެމް.ޕީ.އެލްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މީގެއިތުރުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް)ގެ މުވައްޒަފެއްވެސް މި ޕްރޮގްރާމް ފުރިހަމަ ކުރިއެވެ. ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، އަންކްޓަޑްގެ ޗީފް އޮފް ދަ ހިއުމަން ރިސޯސް، މާކް އަސަފްއެވެ.

މި ޕްރޮގްރާމްގެ ބެސްޓް ޑެސަޓޭޝަން އެވޯޑް ލިބުނީ، އެމް.ޕީ.އެލްގެ އެސިސްޓެންޓް ޕްލޭނަރ ހުސެއިން ޖައުފަރަށެވެ. އަދި ބެސްޓް އޯލް ރައުންޑްގެ އެވޯޑް ލިބުނީ، އެމް.ޕީ.އެލްގެ އެސިސްޓެންޓް މެނޭޖަރ، ހައިސަމް ސަޢީދަށެވެ. ބެސްޓް އޯލް ރައުންޑްގެ އެވޯޑާއެކު ހައިސަމްއަށް ވަނީ، ސްވިޑަންގެ ވޯލްޑް މެރިޓައިމް ޔުނިވަރސިޓީ އިން މާސްޓާސް ޑިގްރީ ސްކޮލަރޝިޕެއް ލިބިފައެވެ. މި ދެ އެވޯޑާއި ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާން ވަޒީރު ސަޢީދެވެ.

ޕޯޓުގެ ޚިދުމަތްތައް ޒަމާނީ ކުރަން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީންތަކެއް
ޕޯޓުގެ ޚިދުމަތްތައް ޒަމާނީ ކުރަން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީންތަކެއް

އެމް.ޕީ.އެލްއިން 2025 ވަނަ އަހަރު ހިންގި އިންޓާރންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޢަބްދުލްރަޙްމާން މުބާރިކެވެ. މި އަހަރު 8 ބައިވެރިން ވަނީ، މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަ ކުރި ބައިވެރިންނާވެސް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އެމް.ޕީ.އެލްއިން ހިންގާ އެޕްރެންޓިސް އަދި އިންޓާރންޝިޕް ޕްރޮގްރާމްތަކުގެ އިންސްޓްރަކްޓަރުންނާއި އެކި ޕްރޮގްރާމްތަކުގެ ލެކްޗަރާރއިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ ފަރާތްތަކަށް ރޭ ވަނީ ޚާއްސަ ބެޖެއް ދީފައެވެ. މި ބެޖްތައް ހަވާލުކޮށްދެއްވީ، އެމް.ޕީ.އެލްގެ ސީ.އީ.އޯ ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ.

މީގެ އިތުރުން، އެމް.ޕީ.އެލްއާއި އެމް.އެން.ޑީ.އެފް ކޯސްޓްގާޑް ގުޅިގެން ހިންގި ސެޓްފިކެޓް 1 އިން ޕޯޓް ސެކިއުރިޓީ ކޯހުން އެއްވަނަ ހޯދި އެމް.ޕީ.އެލްގެ ސެކިއުރިޓީގެ މުވައްޒަފެއް ކަމަށްވާ މުޙައްމަދު ޔައީޝް ޢަލީއަށް ވަނީ، އޭނާގެ މަސައްކަތުގެ އަގުވަޒަންކޮށް އެވޯޑެއް ދީފައެވެ. މި އެވޯޑް ހަވާލުކޮށްދެއްވީ، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް)ގެ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން އަޙްމަދު ޒުބެއިރެވެ.

އެމް.ޕީ.އެލްގެ ޕޯޓް ޓްރެއިނިން ސެންޓަރަކީ، އެމް.ޕީ.އެލްގެ މުވައްޒަފުންގެ ތަޢުލީމާއި ތަމްރީނުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރާ ސެންޓަރެކެވެ. އެމް.ޕީ.އެލްގެ ޕޯޓް ޓްރެއިނިން ސެންޓަރއިން ކޮންމެ އަހަރަކުވެސް، އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގައެވެ. އަދި ޕޯޓުގެ ދާއިރާއިން މީހުން ބިނާކުރުމަށްވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގައެވެ.