ރާއްޖެއަށް އިއްޔެ އައި ފްލައިދުބާއީ ފްލައިޓުގެ 2 ޕައިލެޓުންނަކީވެސް ދިވެހިންނެވެ. މި ފްލައިޓު ދެ ޕައިލެޓުންނަކީ، ކެޕްޓަން ޖިނާން ޝަރީފާއި، ފަސްޓް އޮފިސަރ، މުޙައްމަދު ޝިނާޒެވެ.
ބައިނަލްއަޤްވާމީ ފްލައިޓެއްގައި ރާއްޖޭގެ ދެ ޕައިލެޓުން ތިބުމަކީ ބައިންލައަަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހީންގެ ދައުރު އިތުރުވަމުންދާ މިންވަރ ދައްކުވައިދޭކަމެކެވެ.


ރާއްޖެއަށް އިއްޔެ އައި ފްލައިދުބާއީ ފްލައިޓުގެ ޕައިލެޓެއް:ފޮޓޯ/ އޭވިއޭޓާސް މޯލްޑިވްސް
މިކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ދަނީ ޝުޢޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ ފްލައިޓެއްގައި ރާއްޖޭގެ ދެ ޕައިލެޓުން ތިބުމަކީ ރާއްޖޭގެ އޭވިއޭޝަން ކޮމިއުނިޓީގެ ހުނަރާއި އިޚްލާޞްތެރިކަމާއި، ޕްރޮފެޝަނަލިޒަމް ރަމްޒުކޮށްދޭ ކަމެއްގެގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއީ ބައިންލައަަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހީންގެ ދައުރު އިތުރުވަމުންދާ މިންވަރ ދައްކުވައިދޭކަމެއްގެގޮތުގައިވެސް ބުނެފައިވެއެވެ.


ރާއްޖެއަށް އިއްޔެ އައި ފްލައިދުބާއީ ފްލައިޓުގެ 2 ޕައިލެޓުންނަށް މަރުޙަބާކިޔުން:ފޮޓޯ/އެމްއޭސީއެލް
މިދަނޑިވަޅަކީ ޕައިލެޓުންގެ ކާމިޔާބީތައް ފާހަގަކޮށް، މި ދާއިރާއިން ކުރިއަށްދާން ޝައުގުވެރިކަން ހުރި ދިވެހި ޒުވާނުންނަށް ލިބިދާނެ ހިތްވަރެއްގެގޮތުގައިވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ފްލައިދުބާއީއަކީ ޔޫއޭއީގެ ބަޖެޓް އެއަރލައިނެވެ. ފްލައިދުބާއީ އިން 90 އަށް ވުރެ ގިނަ ބޮއިންގް 737 މަރުކާގެ މަތިންދާބޯޓެއް އޮޕަރޭޓްކުރެއެވެ. އަދި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން 50 އަށް ވުރެ ގިނަ ގައުމެއްގެ 120 އަށް ވުރެ ގިނަ މަންޒިލަށް އަންނަނީ ޚިދުމަތްދެމުންނެވެ. އެ ކުންފުނީގެ ނެޓްވޯކް މެދުވެރިކޮށް މެދުއިރުމަތި، އެފްރިކާ، އޭޝިއާ އަދި ޔޫރަޕްގެ ގައުމުތަކަށްވެސް އަންނަނީ ޚިދުމަތްދެމުންނެވެ.