ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ލިބޭގޮތަށް މަޖިލީހުގެ ކުރިއަށްއޮތް ދައުރުގައި ޤާނޫނަށް އިސްލާޙު ގެންނަން ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިބައްދަލުވުމުގައި ރައްޔިތަކުވަނީ ޕެންޝަން ފަންޑުގެ ބޭނުން ހިފުމުގައި ހުރި ދަތިތަކާއި ގުޅޭ ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ.
ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ކަންކަން ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. މިކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕެންޝަން ފަންޑާއި ގުޅިގެން އިތުުރު ފުރުޞަތުރައް ފަހިކޮށްދެއްވުމުގެ ގޮތުން ޤާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.
އެގޮތުން އެމަނިކުފާނު ވައުދުވީ ގޮތަށް ޕެންޝަން ފަންޑުގެ ބޭނުން ހިފޭގޮތަށް މިހާރުވެސް ބައެއް ކަންކަން ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް، އާދެ އެޚާއްސަ ހާލަތްތައް އޭގައި ބަޔާންކުރެވޭނެ އެހެންވީމަ މިހާރަށްވުރެ ގިނަ ފުރުޞަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތަށް އެބަ ހުށަހަޅަން" ރައީސް ވިދާޅުވިއެވެ.
2008 ވަނަ އަހަރު އެކުލަވާލެވުނު ފެހި ޤާނޫނުއަސާސީއާއެކު ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނެއް ވުޖޫދުވެ، މަލްޓިޕިލަރ ޕެންޝަން ނިޒާމެއް ތަޢާރަފުވިއެވެ. މި ނިޒާމުގައި ހިމެނެނީ މައިގަނޑު ދެ ޕެންޝަން ސްކީމެކެވެ. އެއީ މޯލްޑިވްސް ރިޓަޔަރމެންޓް ޕެންޝަން ސްކީމާއި ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ.
މީގެ ތެރެއިން ރިޓަޔަރމެންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެމީހެއްގެ އުމުރުން 65 އަހަރު ފުރުމުންނެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރެއެވެ. މިކަމަށް ހައްލު ގެނައުމަށް ސަރުކާރުން މިހާރުވެސް ދަނީ ބައެއް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
މިވަގުތު ރާއްޖޭގެ ޕެންޝަން ނިޒާމު އޮތްގޮތުން ދައުލަތުގެ ބަޖެޓަށް ބުރަވާތީވެ، ޕެންޝަން ނިޒާމަށް އަހަރުން އަހަރަށް ޚަަރަދުކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. މިކަން ހައްލުކުރުމަށް އެކި ސަރުކާރުންތަކުން އެކި ފަހަރު މަސައްކަތްކުރި ނަމަވެސް، އެކަށީގެންވާ ހައްލެއް މިހާތަނަށް ގެނެވިފައެއް ނުވެއެވެ. ނަމަވެސް ޕެންޝަން ނިޒާމުގައި ހުރި ނަހަމަ އެތައް ކަމެއް ހައްލުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ޤާނޫނު އިސްލާހުކުރަން އަންނަ ދައުރުގައި ހުށަހަޅާނެ: ރައީސް
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed