ހުޅުމާލެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ ހުރި ބޭނުން ނުކުރާ އުޅަނދުތަށް ނެގުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ އުޅަނދުތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުޅިގެން ނަގާނެއެވެ.
ހުޅުމާލޭގެ މަގުތަކާއި އެކި ސަރަހައްދުތަކަށް ދޫކޮށްފައިވާ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމް ފަށްޓަވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. ހުޅުމާލެ ފޭސް 2 ޓޯވް ޔާޑް ސަރަހައްދުގައި ބޭއްވި ރަސްމިއްޔަތުގައި ވަޒީރު މުޙައްމަދު އަމީންގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރު އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުން ޚިދުމަތް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އެޗްޑީސީން ހިމެނޭހެން ސަރުކާރު ހިއްސާވާ 9 ކުންފުންޏަކާއި ޕަބްލިކް ވޯކްސްއިން ބައިވެރިވެއެވެ. މި ޕްރޮގްރާމު 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާއިރު، ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި މަގުތަކާއި ބިންތަކަށް ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ އުޅަނދުތަށް ނަގާނެއެވެ.
މިއީ ހުޅުމާލޭގެ މަގުތަށް ބޭނުން ކުރުމަށް ދިމާވާ ދަތިތަށް ހައްލު ކުރުމަށް ކުރިއަށް ގެންދޭ ޕްރޮގްރާމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ މިގޮތަށް އުޅަނދުތަށް ދޫކޮށްލާފައި ހުރުމުން ރައްޔިތުންގެ ޝަކުވާތަށް ލިބޭކަން ފާހަގަކޮށްފައެވެ.


ހުޅުމާލެ މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތަށް ނެގުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް ނިއުސް

ހުޅުމާލެ މަގުތަކަށް ދޫކޮށްލާފައިވާ ހުރި އުޅަނދުތަށް ނެގުމުގެ ޕްރޮގްރާމް ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިގޮތަށް މަގުމައްޗަށް އުޅަނދުތަށް ދޫކޮށްލުމުން ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ.
އެގޮތުން ޕާކް ކުރުމަށާއި މަގު ބޭނުން ކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތަށްވެސް މަގުމައްޗަށް މިގޮތަށް ދޫކޮށްލާފައި ހުންނަކަން ފާހަގަކޮށް އެ ގޮތަށް ހުރި އުޅަނދުތަށްވެސް ނެގުމަށް އިލްތިމާސްކުރުއްވާފައެވެ.
"ވިޔަފާރި އުސޫލުން ރެޖިސްޓްރީނުކޮށް އުޅަނދުތަށް ބަހައްޓާފައި ހުރި ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވިޔަފާރި އުސޫލުން އެހެން ކަންކަންވެސް ކުރައްވާ ގޮތަށް އަމިއްލަ ތަނެއްގައި އެއެއްޗެހި ބަހައްޓަން ޖެހޭނީ. ބެނުންތަކަށް ގެނެވިފައި ހުންނަ ވެހިކަލްތަކާއި އަދި ޓެކްސީތަކާއި އެއްޗެހި ބަހައްޓާނެ ތަނެއް ނެތިގެން އުޅޭއިރު، މި ލިބޭ ޖާގަތަކުގައި ވިޔަފާރި އުސޫލުން ރެޖިސްޓްރީ ނުކޮށް އުޅަނދުތަށް ބޭހެއްޓުމަކީ ރަނގަޅު ގޮތެއް ނޫން " ވަޒީރު ވިދާޅުވިއެވެ.


ހުޅުމާލެ މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތަށް ނެގުމުގެ ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވާހަކަ ދައްކަވަނީ / ފޮޓޯ: ޕީއެސްއެމް ނިއުސް

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވަނީ ދެމެހެއްޓެނި ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ގިނަ ފަރާތްތަކެއް އެއްބާރުލުން ލިބޭތީ އެކަން ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ.
"އަޅުގަނޑު އެދެނީ މިކަހަލަ އޮޕަރޭޝަންތައް ދިގުދެމިގެންދާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް. އޭގެ ސަބަބަކީ ދޭތެރެ ދޭތެރެއިން މިކަހަލަ މައްސަލަތައް ދިމާވޭ. ހުޅުމާލޭގެ ދިރިއުޅުމުންދާ ފަރާތްތަކަށް ދަތިވާ ގޮތަށް އަދި ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނާތީ. މިއަދު ނެގޭ ވެހިކަލްތަށް ނަގާފައި ލާނެ ތަންތަނަކީވެސް އަޅުގަނޑުމެންނަށް މިނިސްޓްރީ އަދި އެޗްޑީސީގެ ފަރާތުން ހެޔޮ އެދިގެން ލިބިފައިވާ ތަންތަން " ސީޕީ ނަވީން ވިދާޅުވިއެވެ.


ހުޅުމާލެ މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތަށް ނެގުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވާހަކަ ދައްކަވަނީ / ފޮޓޯ: ޕީއެސްއެމް ނިއުސް

ހުޅުމާލެ އެކި ސަރަހައްދުތަކުގައި ޕާކް ކޮށްފައި ހުރި އުޅަނދުތަށް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، ފުލުހުން ވަނީ މި ޕްރޮގްރާމުގެ ދަށުން ނަގާ އުޅަނދުތަކާޢި މެދު ޢަމަލުކުރާނީ ޤަވާއިދުތެރެއިން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޕްރޮގްރާމް ފެށުމުގެ ކުރިން އުޅަނދުތަށް ނެގުމަށް އިއުލާން ކުރެވިފައިވާ ކަމަށާއި، އާންމުކޮށް ޓޯ ކުރާ އުޅަނދުތަކާއި މެދު ފުލުހުން ޢަމަލުކުރާ އުސޫލުން ކަން ކުރެވިގެންދާނެ ކަމަށެވެ.
ފުލުހުން ވަނީ ބޭނުން ނުކުރާ އުޅަނދުތަށް މަގުމައްޗަށް ދޫކޮށްލުމުގެ ބަދަލުގައި، އެކަމުގައި ޢަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން އުޅަނދުތަށް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރައްވާފައެވެ.


