ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މިއަދު ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން މިރޭ މެންދަމު 1:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

މިހާތަނަށް އައިރު ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 1.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް ވަނީ 37 ހާހަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.

މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމުވަނީ ކާރިސީ ޙާލަތުގައެވެ.