ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ހިންގާ ޓެލެތޯންއިން ފެނިގެން ދަނީ، އަވަށްޓެރި ޤައުމުތަކާއި މިއަދުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތު ކަމަށާއި، ޤައުމީ ކޮންމެ ކަމެއްގައި އެހީތެރިވުމަށް ޕީއެންސީގެ ޕަލިމަންޓްރީ ގްރޫޕުން އޮންނާނީ ބަދަހިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ވަނީ، "ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ފަންޑަށް 300،000 ރުފިޔާ ހަދިޔާކޮށްފައެވެ. ޕީ.އެން.ސީގެ މި އެހީއާއި ޕީއެސްއެމްގެ ފަރާތުން ޙަވާލުވެ ވަޑައިގަތީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމިން ރަޝީދެވެ.
އެހީ ޙަވާލުކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ކިޔާ ކަމަށާއި ޙާލުގައި ޖެހިފައިވާ އާއިލާތަކަށް ޙަމްދަރުދީ ފޮނުވާ ކަމަށެވެ.
ލަންކާއާއި ރާއްޖެއަކީ، އެއްބަނޑު އެއްބަފާ ގުޅުމެއް އޮތް ދެ ޤައުމުކަން ފާހަގަކުރައްވާ ވިދާޅުވީ، އެހީވުމުގައި އެންމެ ފުރަތަމަ އިސްނެގި ޤައުމެއްގެ ގޮތުގައި ރާއްޖެ ވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އަވަށްޓެރި ޤައުމުތަކާއިއެކު ގެންގުޅުއްވާ ޙާރިޖީ ސިޔާސަތުގެ ވަރުގަދަކަން ކަމަށެވެ.
"މިއަދުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ވަރުގަދަ ކަމާއި ހަރުދަނާކަން މި އިނގިގެންދަނީ. މިހާ އަވަސް ފިޔަވަޅުތަކެއް ނަގާ އެހީތެރިކަން ދޭތީ، ދިވެއްސަކަށްވީތީ ފަޚުރުވެރިވަން. މިފަދަ ޤައުމީ ކަންކަމުގައި ޕީއެންސީ ބަދަހިކޮށް އެކުވެރިކަމާއެކު އެ ކުރަން ޖެހުނު ކަމެއް ކުރުމަށް. ރައީސްގެ ސިޔާސަތުތައް ނަގަހައްޓަން ފުރިހަމައަށް އެއްބާރުލުން ދިނުމުގައި." ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.


ޕީއެންސީ ޕާލިމަންޓްރީ ގްރޫޕްގެ ފަރާތުން ވަނީ "ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ފަންޑަށް 300،000 ރުފިޔާ ހަދިޔާކުރުން. ފޮޓޯ:ޕީއެސްއެމް

ޢަބްދުއްރަޙީމް ވަނީ، މިއީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން، ހުރިހާ ފަރާތްތަކުންވެސް ވެވުނު މިންވަރަކުން އެހީތެރިކަން ދިނުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ވިޔަފާރިތަކާއި، ޖަމިއްޔާތަކާއި، އަމިއްލަ ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިއީ، އިންސާނީ ވާޖިބެއް ކަމުގައި ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ޢަބްދުއްﷲވަނީ، ކާބަފައިންގެ އިރުއްސުރެ، ރާއްޖެއާއި ލަންކާއާއި ދެމެދު އޮތް އަޙުވަންތަކަމާއި، އެއްގޮތްވަންތަކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހިގެން ގިނަ ބަޔަކު ލަންކާގައި ދިރިއުޅެމުންދާއިރު، ލަންކާގެ ގިނަ ރައްޔިތުންތަކެއް ރާއްޖޭގައި އެކި ބޭނުންތަކުގައި ދިރިއުޅެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
