05 ނޮވެމްބަރ 2021 - 12:11

ދީނީ ޢަޤީދާއަކީ ކޮންމެ އިންސާނެއްގެ ޙަޔާތަށް ވެސް ބޭނުންތެރި އެއްޗެކެވެ. އެއީ ކޮންމެ ކަހަލަ ޢަޤީދާއެއް ކަމުގައި ވިއަސް ޢަޤީދާއެއްގެ މަތީ ހުރުމަކީ އިންސާނީ ފިޠުރަތެކެވެ. ހަމައެއާ އެކު އެއީ އިޖުތިމާޢީ ބޭނުމެއްވެސް މެ އެވެ. އެހެންކަމުން ފެށުނީއްސުރެ އިންސާނުންގެ ތެރޭގައި ދީނީ ޢަޤީދާއެއް ކޮންމެވެސް ސިފައެއްގައި ގަބޫލު ނުކުރާ ބަޔަކު ނެތެވެ. ހަގީގަތުގައި ކަލަކު ވޮޑިގެންވާކަން އިންކާރު ކުރާ މީހުންގެ އެ ޤަބޫލު ކުރުމަކީ ވެސް ޢަޤީދާ އެކެވެ.
ޢަޤީދާއެއް ގަބޫލު ކުރުމުގައި ދުނިޔޭގައި އެކި މީހުން ތަފާތުވާ އިރު ކޮންމެ ޢަޤީދާއެއްގެ އަހުލުވެރިން ވެސް ދަޢުވާކުރަމުން ދަނީ އެމީހުން ތަބާވާ ޢަޤީދާ އެއީ އެންމެ ޞައްޙަ ޢަޤީދާ ކަމުގަ އެވެ. އެހެންކަމުން ޞައްޙަ ޢަޤީދާއަކީ ކޮބައިތޯ ބަލައި ދިރާސާކުރުމަށް ވަގުތު ހޭދަކޮށް ބުރަމަސައްކަތް ކުރުމުގެ ބަދަލުގައި ޙާލަތު ނިޔާކުރިގޮތުން އެމީހަކަށް ތަބާވެވުނު ޢަޤީދާއެއްގެ މަތީ ވަރަށް ގިނަ މީހުން ދެމިތިބެ އެވެ. އަދި އަނެއްބަޔަކު ވަކި ޢަޤީދާއަކަށް ތަބާވެވުނީތީވެ ގޮތްދޫނުކުރުމަށް ނުވަތަ އިޖުތިމާޢީ ލަދަށްޓަކައި އެހެން ޢަޤީދާތަކުގެ ޙަޤީޤަތް ނުހޯދައި ތިބެން ކަނޑައަޅަ އެވެ.
ހަގީގަތުގައި ޢަޤީދާތަކުގެ ޞައްޙަކަމާއި ޞައްޙަނޫންކަން ދެނެގަތުމަށްޓަކައި ޢިލްމީ ދިރާސާއެއް ހަދާކަށް ކޮންމެހެން ނުޖެހެ އެވެ. އަދި ކޮންމެ ޢަޤީދާއަކާއި އެ ޢަޤީދާއެއްގެ ދަށުން އޮންނަ ޢަމަލީ ކަންކަން ޓެސްޓުކޮށް އިމްތިޙާނެއްވެސް ހަދާކަށް ވެސް ނުޖެހެ އެވެ. ސަބަބަކީ ޞައްޙަ ޢަޤީދާއެއްނަމަ ފަސޭހަކަމާ އެކު އާދައިގެ މީހުންނަށް ވެސް އެކަން ދެނެގަނެވޭނެތީ އެވެ. ޢަޤީދާއަކީ ވަކި ޚާއްޞަބަޔަކަށް ދޭހަވެ އެނގޭ އެއްޗެއް ކަމަށްވާނަމަ އެފަދަ ޢަޤީދާއެއް ކަމިޔާބެއް ނުވާނެ އެވެ. މީގެ އިތުރުން ޞައްޙަ ޢަޤީދާއެއް ނަމަ އިންސާނީ ޠަބީޢަތާ ވެސް ގުޅެންވާނެ އެވެ. އެ ޢަޤީދާގެ ނިޒާމުގެ ތެރެއިން އިންސާނީ ކަރާމާތު ހިފެހެއްޓެންވާނެ އެވެ. އިންސާނުންނަށް އަމާންކަމާއި ހަމަޖެހުން ލިބެންވާނެ އެވެ. އެއްވެސްކަމެއް އަނެއްކަމެއްގެ ހިސާބުގައި ގޮސް ގެއްލުމެއް ލިބިގެންނުވާނެ އެވެ. މިސާލަކަށް ހަރުކަށިކަން އެއްގޮތަކަށް ވެސް ނުގެންގުޅުމަށް ގޮވާލާ ފަލްސަފާއެއްގެ މައްޗަށް ބިނާވެފައިވާ ޢަޤީދާއަކީ އެގޮތުގައި ހުންނަ މީހާ އެއީ އެންމެ މާތްމީހާ ކަމުގައި ބެލެވޭ ޢަޤީދާއެކެވެ. ބުއްދީގެ ހަމައިން ބަލާއިރު މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ ތިމާގެ ނަފްސަށާއި މުދަލަށް އެހެންމީހަކު އަނިޔާވެރިވުމުން ވެސް އެކަން އެއްވެސް ކަމަކަށް ނުހަދައި، އޭގެބަދަލު ހޯދަން ވެސް މަސައްކަތް ނުކޮށް ދޫކޮށްލުން އެއީ ހެޔޮލަފާވުން ކަމަށް ބެލެވޭތީ އެވެ. އަދި އަނެއްކޮޅުން އަނިޔާވެރިންނަށް އެމީހުންގެ އަނިޔާވެރިކަން އިތުރުކުރަން އޭރުން ހިތްވަރު ދެވޭތީ އެވެ.
އިންސާނުންގެ ޙާލަތު އިޞްލާޙުކުރާ ޢަޤީދާއެއް ނަމަ އެ ޢަޤީދާއަކާއި އޭގެދަށުން އަންނަ ޢަމަލީ ބައިތައް އެއީ ވިސްނައި ދެނެގަންނަން އުނދަގޫ، އޮޅުންބޮޅުންގަނޑެއްގެ ތެރޭގައިވާ ޢަޤީދާއަކަށް ވެގެންނުވާނެ އެވެ. ހަމައެފަދައިން ހިސާބަށްވުރެ ބޮޑަށް އުއްމީދުން ފުރިގެންވާ ނުވަތަ މާޔޫސްވުމުން ފުރިގެންވާ ޢަޤީދާއަކީ ވެސް ޢަމަލީ ޢަޤީދާއެއް ނޫނެވެ. އެއީ ޚިޔާލީ ޢަޤީދާ އެކެވެ. މިސާލަކަށް "އިންސާނާގެ އަޞްލުކުށް" އަސާސެއް ކަމުގައި ބެލޭ ޢަޤީދާ އަށް ބަލައިލަމާ ހިނގާށެވެ! މި ޢަޤީދާގައިވާ ގޮތުން އިންސާނާ އަކީ އާދަމުގެފާނުގެ ކުށް ވާރުތަކުރާ ބައެކެވެ. މި ކުށުން ސަލާމަތްވުމަށްޓަކައި އިންސާނީ ޠަބީޢަތުގައިވާ ހުރިހާ ޝަހުވަތްތަކުން މުޅިން މަޙްރޫމްވެ މުޅި ޢުމުރު ޒާހިދުކަންމަތީ ދުނިޔަވީ ހުރިހާ އުފާތަކުން ދުރުހެލިވެ އުޅެންޖެހޭނެ އެވެ. ނަމަވެސް މިއީ ޢަމަލީ ކަމެއް ނޫނެވެ. އެހެންކަމުން މިކަމުން ސަލާމަތްވާން އިންސާނާއަށް ވަނީ ނުކުޅެދިފަ އެވެ. ވީމާ ކަލާނގެ ދަރިކަލަކު ބިމަށް ފޮނުވައި އެންމެންގެ މަތިން ފިދާވެގެން ނޫން އެހެން އެއްވެސް ގޮތަކުން އިންސާނިއްޔަތު ސަލާމަތް ނުކުރެވޭނެ އެވެ.
ނުވަތަ އިންސާނީ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ ފަގީރުކަމާއި ޖާހިލުކަން އެކަނި ކަމަށް ގަބޫލުކުރާ ޢަޤީދާތަކަށް ބަލައިލަމާ ހިނގާށެވެ! މިލްކިއްޔަތު ޢާންމުކޮށް ވަކިވަކި ފަރުދުންނަށް މިލްކު ކުރުމުގެ މިނިވަންކަން ނުދީ، ތަޢުލީމު ވެސް ޢާންމު ކުރުމުން އެކަނި މީސްތަކުން އެއީ އެންމެ މާތްމީހުން ކަމަށްވެދާނެބާ އެވެ؟ އެހެންކަމަށްވާނަމަ ދުނިޔޭގައިވާ މުއްސަދިންނާއި ޢިލްމުވެރިން އެއީ ނަމޫނާ ދިރިއުޅުމެއް އުޅޭ އެންމެ މާތްމީހުން ކަމުގައިވީހެވެ!!
މިފަދަ ތަފާތު ޢަޤީދާތަކުގެ ކުރިމަތީގައި އިސްލާމީ ޢަޤީދާ ފެނިގެންދަނީ ވަރަށް ޚާއްޞަ ސިފަތަކެއް ލިބިގެންވާ ފުރިހަމަ ޢަޤީދާއެއްގެ ގޮތުގަ އެވެ. މިގޮތުން އިސްލާމީ ޢަޤީދާ އަކީ ވިސްނަން އުނދަގޫނުން، އިންސާނީ ހުރިހާ މައްސަލަތަކެއް ރަނގަޅަށް ދަންނަ، އުއްމީދުތައް ހިސާބަށްވުރެ މަތިނުކުރުމަށް ނުވަތަ މާޔޫސްކަން މަތީ ދެމިހުރުމަށް ހިތްވަރު ނުދޭ، ކޮންމެކަމެއްގައިވެސް މެދުމިންވަރެއް އިޚްތިޔާރު ކުރާ ޢަޤީދާ އެކެވެ. އެ ޢަޤީދާގެ ދަށުން އިންސާނާގެ ޙަޔާތް އެއީ ނިމުމެއްނުވާ ކާނިވަލަކަށް ނުވަތަ އުފަލާއި މަޖަލުން މަޙްރޫމްވެގެންވާ ޖަލަކަށް ވެސް ވާކަށް ފުރުޞަތު ނުދެ އެވެ. އަދި ހައްދުފަހަނައަޅާ ހިސާބަށް ދީންވެރިވެ ހަރުކަށިކަން ގެންގުޅޭކަށް ނުވަތަ މިނިވަންކަން އޭގެ ހައްދުންނެއްޓި ހެއްދެވިހާ ނުބައިކަމެއް ކުރާކަށް ވެސް އެޢަޤީދާގެ ދަށުން ފުރުޞަތެއް ނުދެ އެވެ. އޭގެ ބަދަލުގައި އިންސާނުންނަށް އެމީހުންގެ ބޭނުންތަކާއި އެދުންތައް ވަކިހަމައަކުން ފުއްދަން ފުރުޞަތުދެ އެވެ. ބަދަލުހިފައި ހަނގުރާމަކޮށް އެހެންމީހުންގެ ފުރާނައަށް އަރައިގަތުމަށް ވެސް އެފަދަ ހާލަތަކަށް ހިނގައްޖެ ނަމަ ވަކިއުޞޫލުތަކެއްގެ މަތިން ފުރުޞަތުދެ އެވެ. އެއީ އެމީހަކަށާއި ދެންތިބި އެންމެންނަށް ވެސް އެންމެ ފައިދާބޮޑު ގޮތް އޮތީ އެގޮތުގައިކަމަށްވާތީ އެވެ.
އިސްލާމީ ޢަޤީދާގައި "އިންސާނާގެ ޢަޞްލުކުށް" ގަބޫލެއް ނުކުރެ އެވެ. އެކަމަކު ހުރިހާ އިންސާނުން ވެސް ދުނިޔެއަށް އުފަންވަނީ ސާފު ފިޠުރަތުގައި ކަމަށް ގަބޫލު ކުރެ އެވެ. އެޢަޤީދާގައިވާ ގޮތުން އިންސާނާ އުފަންވެފައިވަނީ ކުށް ކުރުމުގެ ވެސް އަދި ކުށް ނުކުރުމުގެ ވެސް ޠަބީޢަތަކާ އެކު އެވެ. ﷲ ގެ އިރާދައާއެކު އިންސާނާއަށް އިޚްތިޔާރު ލިބިގެންނެވެ. އެހެންކަމުން ޘަވާބާއި ޢަޛާބު އެއީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުން ލިބިގަންނަ އެއްޗެކެވެ.
އިޖުތިމާޢީ ޙާލަތާއި ވެށީގެ އަސަރު އެއީ އިންސާނާގެ ސުލޫކު ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމަށް އިސްލާމީ ޢަޤީދާ އިއުތިރާފު ވެ އެވެ. އެހެންކަމުން އިޖުތިމާޢީ، އިޤްތިޞާދީ، ސިޔާސީ ނިޒާމު އިޞްލާޙު ކުރުމަށް އިސްލާމްދީނުގައި ހަމަތަކަކާއި އުޞޫލުތަކެއް ވެ އެވެ. ނަމަވެސް މިކަންތައް އެކަނި އިޞްލާޙުވެގެން އަދި އިންސާނީ ޖަމާޢަތް އިޞްލާޙެއް ނުވާނެ އެވެ. އެއާއެކު އިންސާނާގެ ޢަޤީދާ ވަރުގަދަކޮށް ރޫޙާނީ ތަރުބިއްޔަތު ދޭން ޖެހެ އެވެ. އެއްވެސް މީހަކަށް "ތިމަން އުޅެންޖެހިފައި މިއޮތީ ފާސިދު މުޖުތަމަޢެއްގައޭ" ބުނެ އޭނާގެ ހުރިހާ ކުށްތަކެއް މުޖުތަމަޢުގެ ބޮލުގައި އެޅުވޭކަށް ނޯންނާނެ އެވެ. އެހެނީ އޭނާއަކީވެސް އެ މުޖުތަމަޢުގެ މީހެއް ކަމަށް ވާއިރު މުޖުތަމަޢު ގޯސްވެގެންދާއިރު އޭނާވެސް ގޯސްވުމުގެ ބަދަލުގައި މުޖުތަމަޢު އިޞްލާޙު ކުރުމަށް މަސައްކަތް ކުރެވޭނެތީ އެވެ. ނުވަތަ އެފަދަ މަސައްކަތަކުން ކާމިޔާބެއް ނުލިބުނު ނަމަ އެންމެކުޑަމިނުން ހިތުން އެކަން އިންކާރުކޮށްގެން ހުރެވޭނެތީ އެވެ.
އިސްލާމްދީނަކީ އިންސާނާގެ ޙަޔާތުގެ ވަކިބައެއް ނޫނެވެ. އެކަމަކު އެއީ އިންސާނާގެ މުޅި ޙަޔާތެވެ. އޭނާގެ އަޚްލާޤާއި އޭނާ ގަބޫލުކުރާ އުޞޫލުތައް އެއީ ދިރިއުޅުމުގެ ކޮންމެ ދަނޑިވަޅެއްގައި ވެސް ތަބާވަމުން ދާންޖެހޭނެ ކަންކަމެވެ. މިސްކިތުގައި މުސްލިމަކަށްވެފައި ސިޔާސަތުގައި ކޮމިއުނިސްޓަކަށް ވެފައި އިގްތިސާދީ ޙަޔާތުގައި ޔަހޫދީއަކަށް ވުމަކީ އޮތްކަމެއް ނޫނެވެ. އިސްލާމީ ޢަޤީދާއަކީ އެފެތުރިގެން ދިއުމުގައި ދީނީ އަދި އަޚްލާޤީ ހަމަތަކެއްގެ މަތިން ފެށިގެން ހިނގަމުން އަންނަ ޢަޤީދާއެކެވެ. މާނައަކީ މުސްލިމުންގެ ދިރިއުޅުމުގެ ކޮންމެކަމެއް ވެސް އަޚްލާޤީ އަމާޒުތަކަށް ބޯލަނބަންވާނެ އެވެ. ޤައުމީ ކަމެއް ނަމަވެސް ޣައިރުއަޚްލާގީ ކަމަކަށްޓަކައި ދީނުގެ ހަމަތައް ބަދަލެއް ނުކުރެވޭނެ އެވެ.
އިސްލާމީ ޢަޤީދާއަކީ މުސްލިމުން އަޚުންތަކެއް ކަމުގައި ހަދައި، ޖޯގްރަފީ އާއި ނަސްލާއި ޖިންސާއި ޤައުމީ އިންތައް ނައްތާލައި އެއްބައެއް ކަމުގައި ހަދާ ޢަޤީދާއެކެވެ. މި ހުރިހާކަމެއްގެ އިތުރުން އިސްލާމީ ޢަޤީދާއަކީ މިސްކިތްތަކުގެ ނުވަތަ ދީނީ މީހުންގެ ނުފޫޒެއް މުސްލިމުންގެ މައްޗަށް ފޯރުވެން އޮތް ޢަޤީދާއެއް ނޫނެވެ. އެހެނީ އިސްލާމީ ޢަޤީދާގެ ނަޒަރުގައި ދީނީ މީހުންނެއް ނުތިބޭނެ އެވެ. ތިބޭނީ ދީނީ ޢިލްމުވެރިންނެވެ. އެމީހުންގެ ދައުރަކީ ހަމައެކަނި ދީނީ މަޢުލޫމާތު މީސްތަކުންނަށް ފޯރުވައި، ދީނަށް މީހުން ލޯބި ޖެއްސުމަށް މަސައްކަތް ކުރުމެވެ.
މި ހުރިހާ ސަބަބުތަކަށްޓަކައި އިސްލާމީ ޢަޤީދާ ވެގެންދަނީ އެންމެ ފުރިހަމަ ޢަޤީދާ ކަމުގަ އެވެ. އަދި ހަގީގަތަށް ބަލާއިރު ހަމައެކަނި އޮތް ހައްގު ޢަޤީދާ އަކީ ވެސް މިއީ އެވެ. އިސްލާމްދީނުގައި އެހެން ޢަޤީދާތަކުގެ އަހުލުވެރިން ގަދަކަމުން އިސްލާމްދީނަށް ވައްދަން މަޖުބޫރު ނުކޮށް މިނިވަންކަން ދެނީ އެހެން ޢަޤީދާތައް ޞައްޙަވާތީއެއް ނޫނެވެ. އެކަމަކު ގަދަކަމުން ބަޔަކު އިސްލާމީ ޢަޤީދާގެ ތެރެއަށް ގެނައުމުން ވާނެ މަންފާއެއް ނޯންނާނެތީ އެވެ. އަދި އެއީ ޢަމަލީ ކަމަކަށް ވެސް ނުވާނެތީ އެވެ. ﷲ ގެ ވާގިފުޅާއެކު އަހަރެމެން މިވަނީ ޙައްޤު ޢަޤީދާގެ މަތީގަ އެވެ. ދުޢާކޮށް މަސައްކަތް ކުރަންވީ މި ގޮތުގެމަތީގައި އަބަދުވެސް ދެމިތިބުމަށެވެ. ކާމިޔާބު ލިބޭނީ އޭރުންނެވެ.