05 ނޮވެމްބަރ 2021 - 07:53

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަތުލްކުރާނެ ކަމުގެ އިންޒާރު ދީގެން ހައްޔަރުކޮށްފައިވާ އިސްމާއިލް ޔާފިސް ޝަރީއަތުގެ މަޖިލީހުގައި އެއްވެސް ވާހަކައެއް ދެއްކުމަށް އިންކާރުކޮށް ޝަރީއަތުގެ އެންގުމާ ހިލާފްވެފައި ވާތީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި އަނެއްކާވެސް ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހެދި ގޮތް ނަޝީދަށް ހަދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިން ޔާފިސް އެންމެ ފުރަތަމަ ރ. މީދޫން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އެ އަތޮޅު އުނގޫފާރު ކޯޓަށް ހާޒިރުކުރުމުން ވެސް ކޯޓުގެ ހުރުމަތް ކެނޑުމުން 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.
ޔާފިސް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރީ އޭނާގެ މައްޗަށް ތުހުމަތުވާ ކަންކަމުގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ފޮނުވުމަށް ފަހު، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދި އެވެ.
ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމަށް ފަހު ގާޒީ ދީބާނާޒް ފަހްމީ ނެރުއްވި އަމުރުގައިވާ ގޮތުން ޔާފިސް އަކީ ވާހަކަ ދެއްކުމުގެ ގާބިލްކަން ހުރި މީހެއް ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަން ތަކުރާރުކޯށް ފުރުސަތު ދިނުމުން ވެސް ވާހަކައެއް ނުދެއްކި އެވެ.
ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރެވޭ މީހުން އެ މީހަކު އަމިއްލައަށް އެއީ ކާކުކަން ބަޔާންކޮށްދޭން ޖެހުނަސް ޔާފިސް ވަނީ އޭނާ އަކީ ކާކުކަން ބުނެދޭން ވެސް އިންކާރުކޮށްފަ އެވެ. އެހެންވެ އެއީ ކާކުކަން ޝަރީއަތަށް ބުނެދިނީ ޔާފިސް ބަންދުގައި ހުރި ދޫނިދޫ ކަސްޓޯޑިއަލްގައި އޭނާއާ އެއް ހާޒިރުގައި ހުންނެވި ފުލުހެކެވެ.
ޔާފިސްގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ކުރަން ހިތްވަރު ދިނުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާކުރަން ކޯޓަށް ފޮނުވާފައި ވާތީ ޕީޖީ އޮފީހުން އެދުނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްދިނުމަށެވެ. ނަމަވެސް މި ދައުވާތަކުގެ ޝަރީއަތަށް އަދި ކޯޓުން ގާޒީއަކު ކަނޑައަޅާފައި ނުވާތީ ގާޒީ ދީބާނާޒް ނިންމެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމާ މެދު ގޮތެއް ނިންމަވާނީ މައްސަލަ ބައްލަވާ ގާޒީ ކަމަށެވެ.
ޔާފިސް ވަނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، އިންޒާރު ދީފައިވާ ގޮތަށް އަމަލުކުރާނެ ކަމަށް މީގެ ކުރިން ބަންދު މަޖިލިސްތަކާއި ތަހުގީގުގައި ވެސް ބުނެފައިވާ މީހެއް ކަމަށް ވެފައި ތުހުމަތުކޮށް ދައުވާ އުފުލާފައި ވަނީ ނުރައްކާތެރި މައްސަލަތަކެއްގައިކަން ގާޒީ ފާހަގަކުރެއްވި އެވެ. އަދި ޔާފިސަކީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ ޖަމާއަތްތަކަށާއި އެފަދަ އަމަލުތަކަށް ހިތްވަރުދޭ މީހެއް ކަމުގެ ހެކި އެބަހުރި ކަމަށް ވެސް އަމުރުގައިވެ އެވެ.
ޔާފިސަށް ކޮށްފައިވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ އަދަބަކީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެހެންވެ އޭނާ އަށް ކުށްތައް ސާބިތުވެއްޖެ ނަމަ 26 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބަ އޮތެވެ.