އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އައްޑޫ ލިންކް ރޯޑުގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި އުމުރުން 59 އަހަރުގެ ފިރިހެނަކު މަރުވެއްޖެ އެވެ.

އެކްސިޑެންޓުގައި މަރުވެފައި ވަނީ ސ. ހިތަދޫ، ނަޔާބު، ހަސަން އަލީ އެވެ. އޭނާ އެކްސިޑެންޓުވީ ގަމަށް ޑިއުޓީއަށް ދިޔަ މަގުމަތީގައި ހިތަދޫ ގައުކެޑި ސަރަހައްދުން ކަސްރަތު ކުރުމަށް ނިކުމެ އުޅުނު މީހެއްގެ ގައިގައި އޭނާ ދުއްވި ސައިކަލު ޖެހިގެން ކަމަށްވެ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓުވެގެން މިއަދު ފަތިހު 5:45 ހާއިރު ހޮސްޕިޓަލަށް ގެނައި އެމީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އޭނާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި ސިކުނޑިއަށް ވެސް ލޭ އެޅިފައިވެ އެވެ. އަދި އަރިކަށި ބިނދި، ފުރަމެޔަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައި އޮތްއިރު އެމީހާގެ އެތެރެ ހައްޓަށް ވެސް ލޭ އެޅިފައިވާ ކަަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އޭނާ މަރުވީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.

މި އެކްސިޑެންޓުގައި ކަސްރަތަށް ނިކުމެ އުޅުނު މީހާއަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށްވެ އެވެ.