04 ނޮވެމްބަރ 2021 - 15:16

ރ. އުނގޫފާރުގެ މަގު ހެދުމުގެ ދެ ވަނަ ފިޔަވަހި، 21.6 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މިދިޔަ އާދިއްތަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން އާ މަގުތަކުގައި ތާރުއެޅުމާއި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމްކޮށް މަގުބައްތި ޖަހާނެ ކަމަށެވެ.
އެ އެއްބަސްވުމުގައި ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ޒީނިޔާ އަހުމަދު ހަމީދު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ސޮއިކުރައްވައިފަ އެވެ.
އެ ރަށުގައި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2016 ވަނަ އަހަރެވެ. އޭރު ބޮޑެތި 15 މަގެއްގައި ތާރު އަޅައި ޕޭމަންޓު ހެދި އެވެ. ނަމަވެސް ވެރިކަން ބަދަލުވެގެން ދިޔުމާއެކު އެ މަސައްކަތް ވަކި ހިސާބަކުން ހުއްޓިގެން ދިޔައީ އެވެ.
ދެ ވަނަ ފިޔަވަހީގައި ފަސް މަގެއްގައި ތާރުއަޅާނެ އެވެ. އެކަމަކު ކައުންސިލުން އެދުނީ ރަށުގެ ހަ މަގެއްގައި ތާރު އަޅައިދިނުމަށެވެ.
އުނގޫފާރުގެ މަގު ހެދުމުގެ މަޝްރޫއު އެއް އަހަރުގެ ތެރޭގައި ނިންމަން ޖެހެ އެވެ.