10 ނޮވެމްބަރ 2021 - 11:28

ރާއްޖޭގެ ރާޅާއެޅުމުގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ސްކޯރިން ސިސްޓަމެއް ބޭނުންކުރާނެކަމަށް، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބުނެފި އެވެ.

ޑިޖިޓަލް ސްކޯރިން ސިސްޓަމް އެންމެ ފުރަތަމަ ބޭނުން ކުރާނީ މި މަހު ބާއްވާ ގައުމީ ރާޅާއެޅުމުގެ މުބާރާތް، "ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021" ގަ އެވެ.

ކުރިން މުބާރާތްތަކުގައި ސާފަރުންނަށް މާކްސް ދެނީ ކަރުދާހުގައި ލިޔެގެން މެނުއަލްކޮށް ކަލްކިއުލޭޝަންތައް ހަދައިގެންނެވެ. މިއީ ބުރަ، އަދި އެކަމަށްޓަކައި ވަގުތު ހޭދަވާ އުސޫލެކެވެ. ނަމަވެސް ޑިޖިޓަލް ސްކޯރިން ސިސްޓަމާ އެކު ފަނޑިޔާރުންނަށް ފަސޭހަ ވެގެން ދާނެ އެވެ. ކޮންމެ ރާޅާ އެޅުންތެރިޔެއްގެ ކޮންމެ ރާޅަކަށް ފަނޑިޔާރުން ދޭ މާކްސްތައް އެއްކޮށް، އޭގެ އެވްރެޖް ކަލްކިއުލޭޓް ވާނީ އޮޓަމެޓިކުންނެވެ.
މުބާރާތުގައި ބައިވެރިންނަށް މާކްސް ދޭނީ، ރާޅު މަތީގައި ގެންނަ މެނޯވާސް (ހަރަކާތް) ތަކުގެ ކޮލިޓީއަށް ބެލުމަށް ފަހު، ޖަޖުންގެ ޕެނަލަކުންނެވެ. ރަންނަމާރި ޗެލެންޖުގެ ޖަޖުންގެ ޕެނަލްގައި ފަސް ސްކޯރިން ޖަޖުގެ އިތުރުން، ޕްރަޔޯރިޓީ ޖަޖަކާ އަދި ހެޑް ޖަޖާ އެކު ހަތް ޖަޖުން ހިމެނޭނެ އެވެ. މި ހުރިހާ ޖަޖުންނަކީ ވެސް އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ސެޓިފައިޑް ޖަޖުން ކަމުގައި ރާއްޖޭގެ ސާފިން އެސޯސިއޭޝަނުން ބުންޏެވެ.
ކޮންމެ ރާޅާއެޅުންތެރިޔަކަށް ވެސް ހީޓެއްގައި އެޅޭނީ ގިނަވެގެން 16 ރާޅެވެ. އެއިން ކޮންމެ ރާޅަކަށް 0.0 އާއި 10 އާ ދެމެދުގެ އަދަދަކުން، ޖަޖުންގެ ތެރޭގައި ހިމެނޭ ފަސް ޖަޖުން ޕޮއިންޓް ދޭނެ އެވެ. އެ ރާޅަކަށް ހުރިހާ ޖަޖުން ދޭ ޕޮއިންޓުގެ އެވްރެޖަކީ އެ ރާޅަކަށް ލިބޭ ޕޮއިންޓެވެ. ހީޓުގެ ފައިނަލް ޕޮއިންޓަށް ގުނާނީ އެންމެ ރަނގަޅު ދެ ރާޅުގެ އެވްރެޖް ސްކޯ އެވެ.
ރަންނަމާރި ޗެލެންޖުގައި ކޮންމެ ހީޓެއްގެ ދިގުމިނަކީ 25 މިނިޓެވެ. އެހެން ނަމަވެސް ފައިނަލުގެ ހީޓުގެ ދިގުމިން 30 މިނިޓަށް ދެމިގެންދާނެ އެވެ.
ޑިޖިޓަލް ސްކޯރިން ސިސްޓަމް ތައާރަފްކުރުމުގެ އިތުރުން މިފަހަރުގެ މުބާރާތުގައި ވަނީ އިތުރު ކެޓެގަރީތަކެއް ވެސް ހިމަނައިފަ އެވެ. މީގެ ކުރިން ހަމައެކަނި "ޝޯޓް ބޯޑް" ގައި މުބާރާތްތައް ކުރިޔަށް ގެންދިޔަ ނަމަވެސް، މިފަހަރުގެ މުބާރާތަށް ވަނީ މުޅިން އަލަށް "ލޯންގް ބޯޑް" އަދި ސްޓޭންޑް އަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ހިމަނައިފަ އެވެ.
ޝޯޓް ބޯޑް ކެޓެގަރީގައި ފިރިހެން އޯޕަން ޑިވިޝަނާއި 18 އަހަރުން ދަށުގެ ފިރިހެން ޖޫނިއާ ޑިވިޝަނުގެ އިތުރުން، 35 އަހަރުން މަތީގެ ރާޅާއެޅުންތެރިންނަށް ބާއްވާ މާސްޓާސް ޑިވިޝަން ހިމެނެ އެވެ. މާސްޓާސް ޑިވިޝަނާއި ޖޫނިއާ ޑިވިޝަން ތައާރަފް ކުރީ 2019 ވަނަ އަހަރުގެ މުބާރާތުގަ އެވެ. މީގެ އިތުރުން މި ކެޓެގަރިގައި އަންހެން އޯޕަން ޑިވިޝަނަކާއި 18 އަހަރުން ދަށުގެ އަންހެން ޖޫނިއާ ޑިވިޝަން މި އަހަރު ފަށާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ލޯންގް ބޯޑް ކެޓެގަރީގައި އަންހެން އަދި ފިރިހެން އޯޕަން ޑިވިޝަނާއި، 18 އަހަރުން ދަށުގެ ޖޫނިއާ އަންހެން އަދި ފިރިހެން ޑިވިޝަނެއް ކުރިޔަށް ދާނެ އެވެ. އެސްޔޫޕީ ކެޓެގަރީގައި ކުރިޔަށް ދާނީ ހަމައެކަނި ފިރިހެން އޯޕަން ޑިވިޝަނެވެ.
މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފައިވާއިރު، ރެޖިސްޓްރޭޝަން ކުރިޔަށް ދާނީ އަންނަ ހުކުރު ދުވަހާ ހަމައަށެވެ.
ދުނިޔޭގެ ރާޅާއެޅުމާ ބެހޭ އިދާރާ ކަމުގައިވާ އައިއެސްއޭގެ މެމްބަރެއްގެ ގޮތުގައި އޮތް ރާއްޖޭގެ ސާފިން އެސޯސިއޭޝަންގެ ފަރާތުން ބާއްވާ މި އަހަރުގެ ރަންނަމާރި ޗެލެންޖަކީ، 2001 ވަނަ އަހަރު ބާއްވަން ފެށި ގައުމީ ރާޅާ އެޅުމުގެ 13 ވަނަ މުބާރާތެވެ. އެންމެ ފަހުން 2019 ވަނަ އަހަރު މުބާރާތް ބޭއްވީ، 2014 ވަނަ އަހަރުގެ މުބާރާތަށް ފަހު، ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
ހަތަރު އަހަރު މުބާރާތް ނުބޭއްވި ދިޔައީ، މުބާރާތް ބާއްވަމުން އައި ހެންވޭރުގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދު، ބްރިޖް އަޅަން ބަންދު ކުރުމުންނެވެ.
އެންމެ ފަހުން 2019 ވަނަ އަހަރުގެ ރަންނަމާރި ޗެލެންޖުގެ ފިރިހެން އޯޕަން ކެޓެގަރީގެ ޗެމްޕިއަނަކަށް ހޮވުނީ ހުސެއިން އަރީފް (އިބޫ) އެވެ. މިއީ އިބޫ ގައުމީ މުބާރާތް ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ. މާސްޓާސް ކެޓެގަރީގެ އެއްވަނަ އަޒްލީ ނަސީމް ހޯދިއިރު ޖޫނިއާ ބައިގެ އެއްވަނަ ހޯދީ އަހުމަދު އަނޫފެވެ. ކޮވިޑުގެ ސަބަބުން މިދިޔަ އަހަރު މުބާރާތް ބާއްވައިފައެއް ނުވެ އެވެ.