ރަސްފަރި ފަރަށް ގެއްލުންވެގެން ކުރި ޖޫރިމަނާ އިސްތިއުނާފަށް
ރަސްފަރި ފަރަށް ގެއްލުންވެގެން ކުރި ޖޫރިމަނާ އިސްތިއުނާފަށް

ރަސްފަރީ ފަރަށް ބޭރުގެ އާގު ބޯޓެއް އަރައި އެ ފަރަށް ގެއްލުން ލިބުމުން އާގު ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމި ނިންމުން އިސްތިއުނާފު ކޮށްފި އެވެ.

ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓު، އޮގަސްޓް 19 ވަނަ ދުވަހު ހިމާޔަތްކޮށްފައިވާ ރަސްފަރީ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއްވި އެވެ. ފަރަށް ލިބުނު ގެއްލުންތައް ބަލަން އީޕީއޭއިން ހެދި ސާވޭއަށް ފަހު އީޕީއޭއިން ނިންމީ މިފަދަ މައްސަލަތަކުގައި ކުރެވެން އޮންނަ އެންމެ ބޮޑު ޖޫރިމަނާ ކަމަށްވާ 100 މިލިއަން ރުފިޔާއިން ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރާށެވެ.

އެ އަދަދުން ޖޫރިމަނާ ކުރުމުން އެ ނިންމުން ބޯޓުގެ ވެރިފަރާތުން ވަނީ އިސްތިއުނާފު ކުރަން އެންވަޔަރަމެންޓް މިނިސްޓަރަށް ހުށަހަޅައިފަ އެވެ. އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވަނީ މިކަން މިއަދު "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އީޕީއޭއިން ނިންމާ ނިންމުންތައް އެންވަޔަރަމެންޓް މިނިސްޓަރަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ޖޫރިމަނާގެ އިތުރުން ފަރަށް ލިބުނު ގެއްލުމާއި ދައުލަތަށް ލިބުނު އެހެނިހެން ގެއްލުމުގެ ހިސާބު އެދި އިރު އަދަދު ވަނީ 893 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އީޕީއޭއިން ބުނެފައި ވަނީ އެ އަދަދު ނުދައްކައިފި ނަމަ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކޮށްދޭން އޭޖީ އޮފީހުގައި އެދޭނެ ކަމަށެވެ.

ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ. އެ ސަރަހައްދުތަކުގައި ހުރި މުރަކަތަކާއި އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް ވެސް މަރުވި އެވެ.

ދިގުމިނުގައި 623 ފޫޓު ހުންނަ ނެވިއޯ އަމަރީލިސް އާގު ބޯޓު ރަސްފަރީ ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާ އަށް ދަތުރުކުރަނިކޮށް އިންޖީނު ހުއްޓިގެން އޮޔާ ގެންގޮހެވެ. ރާއްޖެއިން ބޭރުން ޓަގްބޯޓެއް ގެނެސްގެން، އެ އާގު ބޯޓު ފުންކުރެވުނީ ފަރަށް އެރިތާ 10 ދުވަސް ފަހުންނެވެ.