ބަލާނެ މީހަކު ނުވެގެން މަރުކަޒަށް ގެންދިޔަ އަލިފުތު ކޮވިޑު ޖެހިގެން މަރުވެއްޖެ
ބަލާނެ މީހަކު ނުވެގެން މަރުކަޒަށް ގެންދިޔަ އަލިފުތު ކޮވިޑު ޖެހިގެން މަރުވެއްޖެ

ބަލާނެ މީހަކު ނެތިގެން، ގއ. މާމެންދޫން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ އަލިފުތު، ކޮވިޑު-19 ގައި މިއަދު މަރުވެއްޖެ އެވެ.

އުމުރުން 83 އަހަރުގެ އަލިފުތު ބަލައިދޭނެ މީހަކު ހޯދަން އެ ރަށު ކައުންސިލުން މިދިޔަ އަހަރު އިއުލާނު
ވެސް ކުރި އެވެ. ނަމަވެސް އެކަމާ އެއްވެސް ބަޔަކު ހަވާލުނުވުމުން ޖެންޑާ މިނިސްޓްރީން ވަނީ މިދިޔަ ޖެނުއަރީ މަހު އޭނާ ގުރައިދޫ މަރުކަޒަށް ގެންގޮސްފަ އެވެ.

އޭގެ ފަހުން އޭނާ ބަލަހައްޓަމުން ދިޔައީ ދައުލަތުންނެވެ.

އަލިފުތަށް ބަލި ޖެހުނުކަން އެނގުނީ އެ މަރުކަޒުން ކޮވިޑުގެ ކޭސްތަކެއް ފެނިގެން ޓެސްޓުކުރިއިރެވެ. އެހެންވެ، ހައި ރިސްކު ކެޓަގަރީގައި ހިމެނޭތީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އޭނާ ވަނީ ހުޅުމާލޭގައި ހުންނަ ކޮވިޑު ފެސިލިޓީ އަށް ގެންގޮސްފަ އެވެ.

ހާލު ގޯސްވެ، އޭނާ އަށް ފަރުވާ ދެނިކޮށް މިއަދު ހެނދުނު ވަނީ މަރުވެފަ އެވެ. ކަށުނަމާދު އޮތީ މެންދުރު 12:30 ގަ އެވެ.

ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ރިޒްނާ ޒަރީރު ވިދާޅުވީ އެ މަރުކަޒުގެ ހާލަތު މުޅިން ރަނގަޅުނުވާ ކަމަށެވެ. އިއްޔެ ވެސް 10 މުވައްޒަފުން ޕޮޒިޓިވްވި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މިދިޔަ މަހުގެ 26ގެ ފަހުން ބަލި މީހަކު ޕޮޒިޓިވެއް ނުވެ އެވެ.

"ބަލި މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ވާނީ ފޯރުކޮށްދީފައި އަދި އިތުރަށް ބޭނުންވާ އެއްޗެހި ދަނީ ފޯރުކޮށްދެމުން،" އޭނާ ވިދާޅުވި އެވެ.

އެ މަރުކަޒު ބަންދުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހެވެ. އެ ތަނުން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެ އެވެ.

އަލިފުތުގެ އުފަން ދަރިއެއް ނުހުރެ އެވެ. އޭނާގެ އަންހެނުން މީގެ އަށް ވަރަކަށް އަހަރު ކުރިން ވަނީ މަރުވެފަ އެވެ. އޭރުން ފެށިގެން އަލިފުތު ބަލަމުން ދިޔައީ އަންހެން ދޮން ދަރިއެކެވެ. ނަމަވެސް އެ އަންހެންމީހާގެ ބަލި ހާލަތު ހުރި ގޮތުން އަލިފުތު ބެލެން ނެތުމުން އެކަން، އަލިފުތުގެ ވާރިސުންނަށް އެންގި އެވެ.

އަލިފުތުގެ ވާރިސުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިބީ އެއްބަނޑުއެއްބަފާ ދެ އަންހެނުންނެވެ. އެ ދެ މީހުންނަކީ ވެސް ސިއްހީ ހާލަތު ހުރި ގޮތުން އަލިފުތު ބެލޭނެ ބައެއް ނޫން ކަމަށް ކައުންސިލުން ކުރިން ބުންޏެވެ.