ބްރެޒިލްގެ ދެ މީހަކު 18 ކިލޯގެ ޑްރަގާ އެކު އެއާޕޯޓުން ހައްޔަރުކޮށްފި
ބްރެޒިލްގެ ދެ މީހަކު 18 ކިލޯގެ ޑްރަގާ އެކު އެއާޕޯޓުން ހައްޔަރުކޮށްފި

ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ ޑްރަގާ އެކު ބްރެޒިލްގެ އަންހެނަކާއި ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ބްރެޒިލް ދެ މީހުން ކަމަށްވާ ކްރިސްޓިއާނޯ ސިލްވާ، 28، އަދި ނައިރު ނޫނޭސް ޑިސޫޒާ، 37 އެވެ.

ޑްރަގް ފެނުނީ ކްރިސްޓިއާނޯ ސިލްވާގެ ލަގޭޖުންނެވެ. އޭނާގެ ލަގޭޖުން ފެނުނު ޑްރަގް ބަރުދަނުގައި ޕެކިންނާއެކު 18.857 ކިލޯ ހުއްޓެވެ.

މި ދެ މީހުންގެ ތެރެއިން ނައިރުއަށް ލަގެޖުގައި ޑްރަގް ހުރިކަން ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މިކަމަށް ކްރިސްޓިއާނޯ ސިލްވާ ވަނީ އެއްބަސްވެފަ އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ނައިރުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފަ އެވެ. އެކަމަކު، ކްރިސްޓިއާނޯގެ ބަންދަށް ދިނީ 15 ދުވަހެވެ.

އެ ދެ މީހުން ވެސް ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބަލައިފަ އެވެ. އަދި ބަންދުގައި ބަހައްޓައިގެން މައްސަލައާ ގުޅޭ ހެކި ހޯދުމަށެވެ.

މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ކަސްޓަމްސްއަކުން ނުދިނެވެ. ކަސްޓަމްސް އިން ބުނީ އަދިވެސް އޮޕަރޭޝަން ދަނީ ކުރިއަށް ކަމަށެވެ.

މީގެ ކުރިން ވެސް ބްރެޒިލް އިން ރާއްޖެއަށް އައި މީހުން އެއާޕޯޓުން ޑްރަގާ އެކު ހައްޔަރުކޮށްފައި އެބަހުއްޓެވެ. އޮގަސްޓު މަހު އުމުރުން 31 އަހަރުގެ އަންހެނަކު ތިން ކިލޯގެ ކޮކެއިންއާ އެކު އަދި 29 އަހަރުގެ އަންހެނަކު 16 ކިލޯގެ ޑްރަގާ އެކު ހައްޔަރުކުރި އެވެ.