09 ޑިސެމްބަރ 2016 - 06:46

އެރޮބިކްސް ކަސްރަތުތަކުގެ ފައިދާ ގުނާ އަދަދު ނުކުރެވޭހާ ގިނަ އެވެ. ފަހުގެ ދިރާސާތައް ބުނާ ގޮތުން ހަފުތާއަކު ހަތަރު ފަހަރު އެރޮބިކްސް އެކްސަސައިޒް ކުރާ ނަމަ ސިކުނޑީގެ ބާރު ގަދަވެ އަދި ސިކުނޑިއަށް ދިމާވާ ތަފާތު މައްސަލަތަކުން ދުރުވެ އެވެ. އޭގެ ތެރޭގައި ހަނދާން ނެތޭ ބަލި ހިމެނެ އެވެ.
ސައިންސްވެރިން ބުނަނީ އެރޮބިކްސް ކަސްރަތުގެ ތެރޭގައި ހިމެނޭ ހިނގުން، ބައިސްކަލް ދުއްވުން ނުވަތަ ފެތުމުން ކޮންމެ އުމުރެއްގެ އަދި ކޮންމެ ޖިންސެއްގެ މީހަކަށް ވެސް ފައިދާ ކުރާނެ ކަމަށެވެ. އަދި ހަށިގަނޑަށް ކަސްރަތު ލިބޭ ކޮންމެވެސް ކަމެއް ދުވާލަކު މަދުވެގެން 30 މިނިޓް ކުރަން ޖެހޭނެ ކަމަށް ސިއްހީ މާހިރުން ލަފާ ދެ އެވެ.
• އެރޮބިކްސް ކަސްރަތުކުރުމުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދެ އެވެ. ސިއްހަތަށް ފައިދާ ހުރި ކާނާ ކައިގެން ކަސްރަތުކުރާ ނަމަ މީހާ ފިޓްކޮށް އަދި ބަލިތަކާ ދުރުގައި ހުރެވޭނެ އެވެ.
• ގަވާއިދުން ކަސްރަތު ކުރުމަކީ ހިތާއި ސިކުނޑިއާ ގުޅިފައިވާ ނާރުތަކަށް ޖެހޭ ބަލިތަކަށާއި ވާގިނެތޭ ބަލި އަދި ލޭ މައްޗަށް ދިއުމާއި ފަލަބަލި އަދި ހަކުރު ބައްޔާއި މެޓަބޮލިކް ސިންޑްރޯމް އަދި ވަކި ވައްތަރުތަކެއްގެ ކެންސަރުން ދިފާއުކޮށްދޭ ކަމެކެވެ.
• ކަސްރަތުކުރުމުން ދިފާއީ ބާރު ވަރުގަދަވެ އެވެ. އަދި ބަލިތަކާއި ސްޓްރެސްއާ ދުރަށް ދެވެ އެވެ.
• އެރޮބިކްސް ކަސްރަތު ކުރުމުން ޑިޕްރެޝަން އާއި ހިތް ބިރުގަތުން ފަދަ މައްސަލަތަކަށް ލުއި ލިބެ އެވެ. ސަބަބަކީ މި ބާވަތުގެ ކަސްރަތު ކުރުމުން ހަށިގަނޑުން އެންޑޯޕިންސް ކިޔާ ކެމިކަލެއް ދޫކުރާނެ އެވެ. މިއީ ސިކުނޑީގައިވާ ސްޓްރެސްތައް ނެރެލެވޭނެ ގޮތެކެވެ. އެންޑޯޕިންސް ރިލީޒްވުމުން ހިތްހަމަޖެހުމުގެ އިހްސާސްތަކެއް އަމިއްލަ ނަފްސަށް ކުރެވޭނެ އެވެ.
• ދިރާސާތަކުން ދައްކާ ގޮތުގައި ކަސްރަތުކުރުމަކީ އުމުރު ވެސް ދިގުވާ ކަމެކެވެ. ގަވާއިދުން އެރޮބިކްސް ކަސްރަތުތައް ކުރުމުގައި ދެމި ތިބޭ މީހުންގެ އުމުރު، ކަސްރަތު ނުކޮށް ގޭގައި ތިބޭ މީހުންގެ އުމުރަށް ވުރެ މާ ދިގުކަމަށް ދިރާސާތަކުން ދައްކަ އެވެ.
ފުރިހަމަ ސިއްހަތަކީ އޭގެ އަގު ވަޒަން ވެސް ނުކުރެވޭވަރުގެ އަގުހުރި ހަދިޔާއެކެވެ. އަދި އެރޮބިކްސް ކަސްރަތަކީ ވެސް ހަމަ މިފަދަ އެއްޗެކެވެ. އެހެންކަމުން އަވަހަށް ގެއިން ބޭރަށް ނުކުމެ ހެލިފެލިވެ ހަށިގަނޑަށް ކަސްރަތެއް ލިބޭ ކޮންމެވެސް ކަމެއްގައި ބައިވެރިވާށެވެ. އަދި ދިރިއުޅުމުގެ އުފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދާށެވެ.
މީގެ ކުރިން އެރޮބިކްސް ކަސްރަތެއް ކޮށްފައި ނުވާ ނަމަ ނުވަތަ އެއްވެސް ބައްޔަކަށް ބޭސްކުރާ ނަމަ ކަސްރަތުކުރަން ފަށަން ޖެހޭނީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުންނެވެ.