ބާސާ އަށް އަހަރެން ދާން ޖެހޭނެ: ޒަވީ
ބާސާ އަށް އަހަރެން ދާން ޖެހޭނެ: ޒަވީ

ދޯހާ (ނޮވެމްބަރު 4) - އެފްސީ ބާސެލޯނާގެ ކޯޗަކަށް އޭނާ ވާންޖެހޭނެ ކަމަށް، ބާސާގެ ކުރީގެ ކެޕްޓަން އަދި ގަތަރުގެ އަލް ސައާދުގެ މިހާރު ކޯޗް ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސާގެ ވަފުދެއް މިހާރު ތިބީ ގަތަރުގަ އެވެ. އެއީ ސައާދުގެ ކޮންޓްރެކްޓްގައި ޒަވީ ހުރުމުން އެ ކްލަބުން އޭނާ ދޫކޮށްލާނެ ޓާމްސްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ. ގަތަރުގެ އަލް ދުހައިލް އަތުން 3-3 އިން އެއްވަރުވި މެޗަށް ފަހު ޒަވީ ބުނީ އޭނާ ނިންމާނެ ނިންމުމަމަކީ ކޮބައިކަން ދެ ކްލަބަށް ވެސް އެނގޭނެ ކަމަށެވެ.

"އެއީ ސުވާލު އުފައްދަން ޖެހޭ ސަބަބެއް ވެސް ނޫން. އެންމެ ފަހުން ނިމޭއިރު އެކަން ހަމަޖެހިގެންދާނެ. އަހަރެން މިހުރީ ހިތްހަމަޖެހިފައި،" ޒަވީ ބުންޏެވެ.

ޒަވީ ބުނީ، ބާސެލޯނާގައި ރަނގަޅު ޓީމެއް އެބައޮތް ކަމަށާއި ބޭނުން ވަނީ ރަނގަޅު ވިސްނުމެއްގައި މަސައްކަތް ކޮށް ސަޕޯޓަރުންނަށް ހިތްހަމަ ޖެހުމެއް ގެންނަން ކަމަށެވެ.

ކުރީގެ ކޯޗް ރޮނާލްޑް ކޫމަން މިދިޔަ ހަފުތާގައި ބާސާގެ ކޯޗް ކަމުން ވަކި ކުރީ ވާދަވެރި ރެއާލް މެޑްރިޑް އަދި ރެއާލް މަޔާކޯ އަތުން ވެސް ބަލިވުމުންނެވެ. ކޫމަން 2019 ގައި ބާސާގެ ކޯޗަކަށް ހަމަޖެއްސުމުގެ ކުރިން ވެސް ބާސާ އިިން ވަނީ ޒަވީ އެ ޓީމަށް ގެންދަން މަސައްކަތްކޮށްފަ އެވެ.